މަހުގެ ގިނަ އުފެއްދުންތަކާއި ދިވެހި ކާބޯތަކެއްޗަށް ހާއްސަ މަސް ފިހާރައެއް ލަންކާގައި ހުޅުވައިފި އެވެ.

ދިވެހިން ގިނަ ދެހިވެލައިގެ ގޯލް ރޯޑުގެ ދެކުނުގައި "އެމްއެމްޓީ ޓްރޭޑާސް"ގެ ނަމުގައި މިދިޔަ ހުކުރު ދުވަހު ހުޅުވި އެ ފިހާރަކީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޠާރިގު ހުޅުވި ފިހާރައެކެވެ.


ދިވެހި އުފެއްދުންތައް އެއްތަނަކުން ފަސޭހަކަމާއެކު ލިބޭނެ ގޮތް ތަނަވަސް ކޮށްދިނުމުގެ ގޮތުން ހުޅުވި އެ ފިހާރައިން މާލޭން ލިބެން ހުރި ހުރިހާ ވައްތަރެއްގެ މަހުގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައިގަނޑު ގޮތެއްގައި ފެލިވަރާއި މިފްކޯ އަދި އެންޒީގެ މަހުގެ އުފެއްދުންތައް ފިހާރައިން ލިބެން ހުންނާނެ. ވަޅޯމަހާއި ހިކިމަސް ހޯލްސޭލް ކޮށް ވެސް ލިބޭނެ. އަދި ރިހާކުރާ މަސްމިރުހާއި އަސާރަ ފަދަ އުފެއްދުންތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން އުފައްދާތަކެތި ވެސް ލިބެން ހުންނާނެ،" ލަންކާގައި ދިރިއުޅެމުންދާ ޠާރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ލަންކާގައި ދިވެހި މަހުގެ އުފެއްދުންތައް ވިއްކާ އަގަށްވުރެއް އަގުހެޔޮކޮށް އެ ފިހާރައިން އެއްޗެހި ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ފިހާރައަށް ރޯމަހުގެ ބާވަތްތައް ވެސް ގެންނާނެ ކަމަށް ޠާރިގު ވިދާޅުވި އެވެ.

ލަންކާގައި ގާތްގަނޑަކަށް 15،000 ގާތްކުރާ އަދަދަކަށް ދިވެހިން އުޅެމުންދާއިރު، ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ލަންކާ ރައްޔިތުންގެ ފަރާތުން ވެސް ފިހާރައަށް ލިބެމުންދާ ތަރުހީބު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.