02 Feb 2015, 00:17
ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ކުރަމުންދާ ކަމަށް ބުނާ ކަންތައްތައް ހުއްޓުވައި ގާނޫނު އަސާސީގެ ދިފާއުގައި ގުޅިގެން މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީން ރަސްމީ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމައިފި އެވެ.
ގާނޫނުއަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ އެމްޑީޕީ އާއި ޖޭޕީން، ޖުމްހޫރީޕާޓީގެ މައި ޖަގަހަ މާފަންނު ކުނޫޒުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށް ނޫސްވެރިންނާ ބައްދަލުކުރައްވައި، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ވިދާޅުވީ އެމްޑީޕީއާ ޖޭޕީން ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކުރަން ފެށި މަސައްކަތުގެ ދަށުން ރަސްމީ އެއްބަސްވުމުގައި ސޮއިކުރުން މި ހަފްތާގެ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ.
"އާދެ އެ އެއްބަސްވުމުގައި ސޮއިކޮށްލެއްވުމަކީ އެއީ ރަސްމީކޮށްލެއްވުން. އިރާދަކުރެއްވިއްޔަ އެކަން އަޅުގަނޑުމެން މިވަނީ އަންނަ ބުރާސްފަތި ދުވަހަށް މި ވަނީ ޝެޑިއުލްކޮށްފައި، އަދި ހަމައެއާއެކު އެކުގައި އަޅުގަނޑު ދަންނަވަން ބޭނުންވޭ އަޅުގަނޑުމެންނާއެކު އަމަލީ ގޮތުން މި މަސައްކަތުގައި ބައިވެރިވުމަށް ވަރަށް ގިނަ ފަރާތްތަކުން ތައްޔާރަށް އެބަތިއްބެވި،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ޖޭޕީއާ އެމްޑީޕީ އިން ކުރަމުން އަންނަ މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ހިތްހަމަ ޖެހުން ގެނެސްދޭނެ މަސައްކަތަކަށް ވެގެންދާނެ ކަމަށެވެ. އަދި ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް އެ ދެ ޕާޓީ ގުޅިގެން ކުރާ މަސައްކަތަކީ މިވަގުތު އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް ވެސް ހިތްހަމަޖެހުން ގެނެސްދޭނެ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު މިރޭ ވިދާޅުވީ މި ވަގުތަކީ "ބިރު ފަހަނަ އަޅާ ދިވެހި ރައްޔިތުން ނުކުންނަންވި ވަގުތު" ކަމަށެވެ. އޭނާ ވިދާޅުވީ މިއަދުގެ ސަރުކާރުން ބޭނުން ވަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވެސް ބަންދު ކޮށް "ދޫތަކުގައި ތަޅުއަޅުވަން" ކަމަށެވެ.
"ސަރުކާރުން އެންމެ ބިރުގަންނަ އެންމެ ބާރުގަދަ ގޮވާ ހަތިޔާރަކީ ގަލަމާއި ދޫ. އެހެންވީމަ އެ ބަންދު ކުރުމުގެ ޖާގަ އަޅުގަނޑުމެން އެއްވެސް ރައްޔިތަކު ނުދޭނަން. އަޅުގަނޑުމެން މި މަޝްވަރާތަކުގައި އެންމެ އުފާ ވަނީ އާންމު ރައްޔިތުންނަށް މިއަދު މިއޮތް ސަރުކާރުގައި މިހާލަތުގައި ދިމާވެފައިވާ ދަތި އުނދަގޫތަކުން އެ ރައްޔިތުން ސަލާމަތް ކުރުމަށް މި އެއްބަސްވުމުގައި އަޅުގަނޑުމެންނަށް މަޝްވަރާކުރެވޭތީ،" އަލީ ވަހީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ ހިމާޔަތް ކުރުމަށް އެމްޑީޕީއާ ޖޭޕީ އިން މަސައްކަތް ކުރަމުންދާއިރު އެ ދެޕާޓީއާއެކު މަސައްކަތް ކުރުމަށް އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) އިން ވެސް ވަނީ ނިންމާފައި އެވެ.