ހުވިފިލަނޑާ އާއި އިހީގެ އިތުރުން ކަކުނި އާލާކޮށް އުފެއްދުމަށް ހުޅުވާލައިފައިވާ "ކަނޑުފަޅުގެ ނަފާ" މަޝްރޫއުއަށް ނުވަ ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިރޭ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެ މަޝްރޫއުގެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހައެއްކަ މަސް ދުވަސް ހޭދަވެގެން ދިޔަ ކަމަށެވެ. އަދި މަޝްވަރާއިން ފާސްވި ކަންކަމަށް ފަހު އެ މަޝްރޫއު އިއުލާންކޮށް މިހާރު އޮތީ އެ މަޝްރޫއުއަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ކަމަށް ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ އެ މަޝްރޫއުއަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މި އަހަރުގެ މާޗު މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަައިވާ ކަމަށެވެ.

"މިކަމަށް ކުރިމަތިލާފައި އެބަ އޮތް ނުވަ ފަރާތަކުން. މި ޕްރޮޖެކްޓަކީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓަށް އަމިއްލައަށް އަންނަ ފަރާތްތަކުން އެކަނި ވެސް 2.76 މިލިއަން ޑޮލަރު އިންވެސްޓު ކުރަން އެބަޖެހޭ. އެހެންވީމަ އެކަމަށް ޝައުގުވެރިކަން ބަހައްޓައިގެން ނުވަތަ ޝައުގުވެރިކަން ހުރީތީ ނުވަ ފަރާތަކުން ކުރިމަތިލާފައި އެވަނީ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ މާޗު މަހުގެ އަށްވަނަ ދުވަހު ހުރިހާ ހުށަހެޅުމުން ލިބުމުން އަމިއްލަ ފަރާތްތަކާއި އަދި ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްފަހު މި އަހަރުގެ ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ފައްޓައިގަންނާނެ ކަމަށެވެ.

"އެކަމަށް ބޭނުންވާ ހުރިހާ ކުރެހުންތަކެއް މިހާރު ވަނީ ކުރަހާ ނިމިފައި. އެކަމުގެ ފަންނީ ބޭފުޅުން ގެނެސްގެން އެކަންކަން މިހާރު ވަނީ ކޮށް ނިންމާފައި. އެކަމަށް ބޭނުންވާ ތަމްރީނުތައް ހިންގުމަށްޓަކައި އަޅުގަނޑުމެންގެ ސްޓާފުން އެކަމަށް ރެޑީވެފައި ތިބީ. އެނގިލައްވާނެ އަޅުގަނޑުމެން ހިންގި ފާނަ ވިއްސުމުގެ ޕްރޮގުރާމް. އެ ޕްރޮގުރާމް ވެސް ވަރަށް ކާމިޔާބު ކަމާއި އެކު އަޅުގަނޑުމެން ވާނީ ކޮށްފައި،" ޝައިނީ ވިދާޅުވި އެވެ.

މިރޭގެ ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝައިނީ ވަނީ މަސްވެރިންގެ މެރީނާއާ ގުޅޭ ގޮތުން ވެސް ވާހަކަފުޅުދައްކަވާފައި އެވެ.

އެގޮތުން މަސްވެރިންގެ މެރީނާތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރާއިރު ސަރުކާރުން ހުރިހާ ސަރަހައްދެއް ތަރައްގީ ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ޝައިނީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ އެހެން ފަރާތްތަކަށް ވެސް ފުރުސަތު ދީގެން އެތަންތަން ތަރައްގީ ކުރުން ކަމަށެވެ.

"އަމިއްލަ ފަރާތްތަކުން އެތަންތަން ތަރައްގީ ކުރިކަމުގައި ވިއަސް ސަރުކާރުން ޅ.ނައިފަރުގައި މިިހާރު އަޅާފައިވާ މަސްވެރިންގެ މެރީނާއިން ލިބޭ ހުރިހާ ވަސީލަތްތަކެއް އެތަންތަނުންވެސް އިރާދަކުރެއްވިއްޔާ ލިބޭނެ. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހަތަރު މެރީނާ ހުޅުވުމަށް ބުނެފައިވި ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެއަށްވުރެއް ވެސް ގިނައިން އެކަން ކުރަން،" ޝައިނީ ވިދާޅުވި އެވެ.