މިސުރުގައި ޖަލަށް ލި އަލްޖަޒީރާގެ ނޫސްވެރިޔާ، ޕީޓާ ގްރެސެޓް މިނިވަންކޮށް ޑިޕޯޓްކޮށްލައިފި އެވެ. އޭނާ ދިޔައީ ސައިޕްރަސް އަށެވެ.

ބީބީސީ އިން މިއަދު ބުނީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ އަދި ކުރިން ބީބީސީގައި މަސައްކަތް ކުރި ޕީޓާ ހައްޔަރު ކުރީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށެވެ. އަދި ދޮގު މައުލޫމާތު ފެތުރިކަން ސާބިތުވެ، އޭނާ ޖަލަށް ލީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށެވެ. އޭނާ މިނިވަން ކުރީ 400 ދުވަސް ވަންދެން ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ހުރުމަށް ފަހު އެވެ.

އޭނާ ޖަލަށްލީ އަލްޖަޒީރާގެ އިތުރު ދެ މީހަކާ އެކު އެވެ. އެއީ މުހައްމަދު ފަހުމީ އަދި ބަހާރު މުހައްމަދެވެ.

މިސުރުގެ ރައީސް އޮފީހުގެ މަސްދަރަކުން ބުނީ ފަހުމީގެ ޑުވެލް ޕާސްޕޯޓުން މިސުރު ވަކިކޮށް، އޭނާ ކެނެޑާ އަށް ޑިޕޯޓް ކުރާނެ ކަމަށެވެ.
އެ ތިން މީހުން ވެސް އެ މީހުންގެ ކުށަށް އިންކާރު ކުރެ އެވެ. އަދި ބުނަނީ އެއީ އޮޅުވާލުމެއް ކަމަށެވެ. އެ މީހުންގެ މައްޗަށް ދައުވާ ކުރީ، މިސުރުގައި މަނާކޮށްފައިވާ މުސްލިމް ބްރަދާސް އާ ގުޅިގެން 2013 ވަނަ އަހަރު މަގާމުން ވަކި ކުރި މުހައްމަދު މުރުސީއާ ގުޅުންތަކެއް ބޭއްވި ކަމަށެވެ. ނަމަވެސް އެ ތިން މީހުން ވެސް އެކަމަށް އިންކާރު ކުރެ އެވެ. އަދި ބުނީ އެ މީހުން ހަމަ އެކަނި ކުރި ކަމަކީ ހަބަރު ފެތުރުން ކަމަށެވެ.

ޕީޓާގެ ބޭބެ އެންޑްރޫ ނެރުނު ބަޔާނެއްގައި ބުނީ ޕީޓާ މިނިވަން ވެއްޖެ ކަމަށެވެ. އަދި އަލްޖަޒީރާ އިން ކުރި ޓުޥީޓެއްގައި ބުނީ ޕީޓާ މިނިވަން ކުރުމުން މަރުހަބާ ކިޔާ ކަމަށާއި ފަހުމީ އާއި ބަހާރު މިނިވަން ކުރުމަށް ގޮވާލާ ކަމަށެވެ.

"އަހަރުން ހުއްޓައެއް ނުލާނަން ފަހުމީ އާއި ބަހާރު މިނިވަން ނުވަނީހެއް،" އަލްޖަޒީރާގެ އެކްޓިން ޑައިރެކްޓަރު ވިދާޅުވި އެވެ.