ށ. ނޫމަރާ ސްކޫލްގެ ދަރިވަރުންތަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ސްކޫލުގެ ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ނޫމަރާ ކައުންސިލުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ޓީޗަރު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ އޭނާއަކީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ނޫމަރާ ކައުންސިލްގެ ރައީސް އަހުމަދު ވިޝާން މިއަދު "ސަން"އަށް ވިދާޅުވީ އެ ރަށު ސްކޫލުގެ ދަރިވަރުންނަށް ޓީޗަރަކު ޖިންސީ ގޯނާ ކުރާ ކަމަށް ބުނާ މައްސަލަ ފެންމަތިކޮށްފައި ވަނީ ބެލެނިވެރިންގެ ފަރާތުން ކަމަށެވެ. ޓީޗަރުގެ ފަރާތުން ޖިންސީ ގޯނާ ލިބޭ ކަމަށް ވަނީ އަންހެން ދަރިވަރުންނަށެވެ.

ވިޝާން ވިދާޅުވީ ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރާ ދިވެހި ފިރިހެނެއް ޓީޗަރަކީ އެކިފަހަރު އެކި މާއްދާ ކިޔަވައިދެމުން އަންނަ ޓީޗަރެއް ކަމަށެވެ. އެ ޓީޗަރަކީ ޕްރައިމަރީ އަދި ސެކަންޑަރީ ގުރޭޑްތަކަށް ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ.