މަންދު ކޮލެޖުގެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީ އިން އަމަލު ކުރަމުންދަނީ ގާނޫނާއި ގަވާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު މިރޭ "ސަން" އަށް ވިދާޅުވީ މަންދު ކޮލެޖުގެ އެއްބަސްވުން ބާތިލްކޮށް އެތަން ހުސްކުރަން އުޅެނީ ގާނޫނުތަކާއި ގަވާއިދުތަކާއި އެގްރީމެންޓާ ހިލާފަށް ކަމަށް އެ ކޮލެޖުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް ކަންތައް ކުރާނީ ގާނޫނާއި ގަވާއިދުތަކާއި ހެދިފައިވާ އެގްރީމެންޓުތަކާއި އެއްގޮތަށް ކަމަށް ނަޒީރު ވިދާޅުވި އެވެ.

"އެހެން ވިދާޅުވި ނަމަވެސް އަޅުގަނޑުމެން އަމަލު ކުރާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން. ދެން މަންދު ކޮލެޖުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެބޭފުޅުންގެ އޮޕީނިއަން ވެސް ވިދާޅުވި. އެކަމަކު އެކަން އެގޮތަކަށް ވެސް ނުވާނެ ދެއްތޯ،" ނަޒީރު ވިދާޅުވި އެވެ.

މަންދު ކޮލެޖުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވީ ކޮލެޖުގެ އެއްބަސްވުން އުވާލައި ކޮލެޖު ހިންގަމުން އައި އިމާރާތް ހުސްކުރަން އެންގުމަކީ ގާނޫނީ ހަމައެއްގެ މަތިން އެންގި އެންގުމެއް ނޫން ކަމަށެވެ. އަދި މަންދު ކޮލެޖް މިހާރު ހިންގަމުން އަންނަ އެމްއޭއެސްގެ އިމާރާތުން ނުކުންނަން ނުޖެހޭނެ ކަމަށާއި އެހެން ތަނެއް ހޯދަން ވެސް ނުވިސްނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއީއެސް އިމާރާތުގައި ހިންގަމުން އަންނަ މަންދު ކޮލެޖުގެ އެއްބަސްވުން ބާތިލްކޮށް 15 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެ ކޮލެޖަށް ނޯޓިސް ދީފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ދިހަ އަހަރު ދުވަހުގެ މުއްދަތަށް މަންދު ކޮލެޖަށް ދީފައިވާ އެމްއީއެސް އިމާރާތަކީ ކުރިން ރާއްޖޭގައި ގިނަ އަދަދެއްގެ ކުދިންތަކެއް ކިޔަވަމުން ދިޔަ މަޝްހޫރު ސުކޫލެކެވެ. އެ ސްކޫލް ކޮލެޖަކަށް ބަދަލުކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައި އެވެ.

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސޮއިކޮށް 2012 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ މަންދު ކޮލެޖް ހިންގަން އެމްއީއެސް އިމާރާތް ހަވާލުކުރުމުގައި ގަވާއިދާ ހިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. އަދި އެ އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ނުހިންގައި، ކޮލެޖް ހިންގާ ނަމަ އެތަން ބީލަމަކަށް ލައިގެން ބަޔަކާ ހަވާލުކުރުމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައި އެވެ.