01 Feb 2015, 17:37
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ރަށް ބޭރުގައިވާ މިރްޕޫރު ނަމަކަށް ކިޔާ ސަރަހައްދުގައި ހުރި ޕްލާސްޓިކް ފެކްޓްރީއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 13 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވުމާ ގުޅިގެން ރައީސް އަބުދުﷲ ޔާމީނު އެގައުމުގެ ރައީސް އެމްޑީ ޢަބުދުލް ހާމިދަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ޔާމީނު ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވަނީ "ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ބަންގްލަދޭޝްގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާ،" ކަމަށެވެ.
އަދި އެ ހާދިސާގައި މަރުވިމީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށް ވެސް ރައީސްގެ މެސެޖްގައި އެދިވަޑައިގެންގައި ވެއެވެ.
މިރްޕޫރުގެ މީހުން ގިނަ ސަރަހައްދެއްގައި ރޭ ހިނގި އަލިފާނުގެ އެހާދިސާގައި ޕްލާސްޓިކް ފެކްޓަރީ އަނދައި ހުލިވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުންޏެވެ. އަދި ބުނީ ފެކްޓްރީގައި ރޯވި އިރު އެތަނުގައި 70 މުވައްޒަފުން ތިބި ކަމަށެވެ.
ބަންގްލަދޭޝްގެ ފެކްޓްރީއެއް 2013 ވަނަ އަހަރު ވެއްޓި 1100 މީހުން މަރުވި ހާދިސާއަށް ފަހު އެގައުމުގެ ފެކްޓްރީތަކުގެ ސަލާމަތީ ކަންތައްތަކާއި މެދު މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.