01 Feb 2015, 17:15
އިނގިރޭސި ލީގުގައި ޗެލްސީއާ ވާދަކޮށް ރޭގެ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު ވުމުން، މެޗުން ލިބުނު ޕޮއިންޓާމެދު ހިންހަމަ ނުޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް މެނުއަލް ޕެލެގްރިނީ ބުނެފިއެވެ.
ޕެލެގްރިނީ ބުނީ ރޭގެ މެޗުގައި މޮޅުވާން ކުޅުނު ހަމައެކަނި ޓީމަކީ ސިޓީ ކަމަށެވެ. އަދި މެޗުގެ ފަހު މިނެޓާ ހަމައަށްވެސް ސިޓީ ކުޅުނީ މޮޅުވާން ކަމަށާއި، އެ މެޗުން ސިޓީއަށް ތިން ޕޮއިންޓު ހައްގު ކަމަށް ޕެލެގްރިނީ ބުންޏެވެ.
"އެ މެޗަކީ އެއް ޕޮއިންޓް ލިބޭ ވަރު މެޗެއް ނޫން. މެޗުން ފެށިގެން އެންމެ ފަހު މިނެޓާ ހަމައަށްވެސް މޮޅުވާން ކުޅުނު ހަމައެނި ޓީމަކީ ސިޓީ. ނަމަވެސް ދެ ޓީމުގެވެސް ކުޅުމުގެ ވައްޓަފާޅި ތަފާތު. އަހަރެން ސިޓީ ލައްވާ ކުޅުވަނީ ވަކި ސްޓައިލަކަށް. އަދި ޗެލްސީގައި މޮރީނިއޯވެސް ގެންގުޅެނީ މުޅިން ތަފާތު ސްޓައިލެއް،" ޕެލެގްރިނީ ބުންޏެވެ.
މީގެ ކުރިން ރެއާލް މެޑްރިޑަށްވެސް ކޯޗުކަން ކޮށްދިން ޕެލެގްރިނީ ބުނީ ރޭގެ މެޗުގައި ގިނަ ފުރުސަތުތައް ހޯދީ ސިޓީ ކަމަށެވެ. އަދި ޗެލްސލީއަށް މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކުރެވުނީ ލިބުނު ވަރަށް ހަނި ފުރުސަތަކުން ކަމަށްވެސް ޕެލެގްރިނީ ބުންޏެވެ.
"ފުރަތަމަ ހާފްގައި އަހަރުމެނަށް ރަނގަޅު ތިން ފުރުސަތު ލިބިގެން ދިޔަ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނީ. ޗެލްސީއަށް ލަނޑު ޖެހުނީ އެ ޓީމަށް ލިބުނު ވަރަށް ހަނި ފުރުސަތަކުން. މުޅި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދެއްކީ ސިޓީ. ދެވަނަ ހާފްގައި ޗެލްސީއަށް ރަނގަޅު އެންމެ ޝޮޓެއްވެސް ހެދިފައި ނުވޭ،" ޕެލެގްރިނީ ބުންޏެވެ.
ރޭގެ މެޗުގައި ލޮއިކް ރެމީ ކާމިޔާބު ކުރި ލަނޑާއެކު މެޗުގެ ލީޑު ފުރަތަމަ ނެގީ ޗެލްސީ އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ސިޓީގެ ޑޭވިޑް ސިލްވާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ޕެލެގްރިނީ ބުނީ ރޭގެ މެޗަށް ސިޓީ ނިކުތީ ތާވަލްގެ އެއްވަނަ ޗެލްސިއާ އެ ޓީމާ ދެމެދު ޕޮއިންޓުގެ ގޮތުން އޮތް ފަރަގު ކުޑަކުރަން ކަމަށެވެ. އަދި ރޭގެ މެޗަކީ ވަރަށް މުހިންމު މެޗެއްކަން ފާހަގަކޮށް، ޕެލެގްރިނީ ވަނީ ރޭ ކުޅުނު ގޮތަށް ކުޅެފި ނަމަ ބާކީ ލީގުގައި އޮތް 15 މެޗުން ޗެލްސީ އެއްވަނަ މަގާމުން ވައްޓާލެވިދާނެ ކަމަށް ބުނެފައެވެ.