01 Feb 2015, 16:50
މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ދިވެހި ފަސް ކުޅުންތެރިއަކި ސްކޮޑަށް އިތުރުކޮށް، މިރޭ ކްލަބް ވެލެންސިޔާގެ ފަރިތަކުރުންތައް ފަށަން ނިންމައިފިއެވެ.
މި އަހަރުގެ ސީޒަނަށް އެ ޓީމާ ގުޅިފައިވާ ކުޅުންތެރިންނަކީ މިދިޔަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުނު ފޯވާޑް ހުސައިން ޝިމާޒް (ކޮކީ) އާއި މިޑްފީލްޑަރު ހުސައިން ނިހާން އަދި ޑިފެންޑަރު މަޒްހަރު އަބްދުﷲ (މަޒޭ)ގެ އިތުރުން ގޯލްކީޕަރު އަހުމަދު އާތިފް އެވެ. އޭގެ އިތުރުން މިދިޔަ އަހަރު ބީޖީ ސްޕޯޓްސް ކްލަބުން ފެނުނު އަހުމަދު ވިޝާމް (ޖެރާޑް)ވެސް ވަނީ މި ސީޒަނަށް ވެލެންސިޔާއާ ގުޅިފައެވެ.
ވެލެންސިޔާއަށް މިއަހަރަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ކޮކީ އަކީ މިދިޔަ ސީޒަންގައި ވިކްޓްރީގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. 2010 ވަނަ އަހަރު ވިކްޓްރީއަށް ބަދަލުވުމުގެ ކުރިން ނިއުރޭޑިއެންޓަށްވެސް ކޮކީ ވަނީ ކުޅެފައެވެ.
މިދިޔަ ސީޒަންގައި 17 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައި ދިވެހި ލީގު ނިންމާލި ވެލެންސިޔާ މި ސީޒަނަށް ތައްޔާރު ވުމަށް ކުޅުންތެރިން އިތުރުކޮށްފައި ވާއިރު، މިދިޔަ ސީޒަންގައި އެ ޓީމުގެ ގޯލް ބެލެހެއްޓި އިބްރާހިމް އިފްރާހު އަރީފް ވަނީ މި ސީޒަނަށް އެ ކްލަބް ދޫކޮށް ބީޖީ ސްޕޯޓްސްއާ ގުޅިފައެވެ.
މި ސީޒަންގައި އެ ޓީމަށް އިރުޝާދުދޭން ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މިދިޔަ ސީޒަންގައި ބީޖީއަށް ކޯޗުކަން ކޮށްދިން މުހައްމަދު އިގްބާލް އެވެ. ވެލެންސިޔާގެ ހެޑް ކޯޗުގެ އިތުރުން އެ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރަކަށްވެސް ހަމަޖައްސާފައި ވަނީ އިގްބާލް އެވެ.