މަގުމަތިން ދިޔަ ބައެއްގެ އަތުން 363،000 ވަގު ޑޮލަރު ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުންގެ ޕްރޮޕަޓީ އެންޑް ކޮމާޝަލް ކްރައިމް ޑިޕާޓްމެންޓްގެ ވެރިޔާ، އިންސްޕެކްޓަރު މުހައްމަދު ޖަމްޝީދު މިއަދު ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަގު ޑޮލަރުތަކާއި އެކު ހައްޔަރުކުރީ މާލޭ މުނިސިޕަލްޓީ ދަފުތަރު، ހާމިދު ޔަހުޔާ، (ބަރަބޯ) 39، އާއި ގދ. ރަތަފަންދޫ ގިނަމާގޭ އަހުމަދު ޝަފީގު، 45، ކަމަށެވެ.

ހައްޔަރުކުރި ހާމިދު ޔަހުޔާއަކީ ކުރިން ސިފައިންގޭގައި އުޅުމަށްފަހު ފަހުން މިއަދު ނޫހާއި މިނިވަން ނޫހާއި އިރު އޮބްޒާވަރުގެ ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ.

ޖަމްޝީދު ވިދާޅުވީ ހާމިދާއި ޝަފީގް ހައްޔަރުކޮށްފައިވަނީ ވަގު ޑޮލަރުގެ ނޫޓްތައް ދަބަހަކަށް އަޅައިގެން ވެހިކަލެއްގައި ދަނިކޮށް ކަމަށެވެ. އެ ދެ މީހުން އަތުން ފެނުނީ ސަތޭކައިގެ ނޫޓުތައް ކަމަށާއި އެ ހުރިހާ ނޫޓެއް ވެސް އަސްލާ ވަރަށް އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަމްޝީދު ވިދާޅުވީ އެ ދެ މީހުންނާ އިތުރު އެހެން ބަޔަކާވެސް ގުޅުމެއްވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.