01 Feb 2015, 16:14
ހައިކޯޓާއި ކްރިމިނަލް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށާއި ސިވިލް ކޯޓަށް އިތުރު ހަތަރު ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ފަނޑިޔާރުކަމަށް ޝަރުތުހަމަވާ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ކަމަށެވެ.
ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ހައިކޯޓުގައި ދެ ފަނޑިޔާރުންގެ މަގާމް މިހާރު ވަނީ ހުސްވެފައެވެ. އެކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމާ ގުޅިގެން އޭނާ ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ. އަދި ހައިކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން މިއަދު ވަނީ ރިޓަޔާ ކުރައްވާފައެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ހޯދަން އިއުލާންކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިން ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރުމާ ގުޅިގެންނެވެ.