ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އެހީތެރިވުމަށް ޗައިނާ އަދި ލިތުއޭނިއާ އިން އެއްބަސްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.

ސްވިޒަލްޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ޑަބްލިއު އެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ 136 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރެވޭނެ ދާއިރާތަކާއި ބެހޭ ގޮތުން ޗައިނާ އަދި ލިތުއޭނިއާ އާ އެކު މަޝްވަރާކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނަފަ އެވެ.

ޗައިނާއާ އެކު ކުރި މަޝްވަރާތަކުގައި ރާއްޖެ އަށް މެޑިކަލް ޑޮކްޓަރުނާއި އިކުއިޕްމެންޓް ދެއްވާނެ ކަމުގެ ޔަގީންކަންދެއްވާފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އަދި އޭގެ އިތުރަށް މެޑިކަލް ޑޮކްޓަރުންނަށް ސްކޮލަޝިޕުގެ ފުރުސަތު ފަހިކޮށްދިނުމާއި ޗައިނާގެ މެޑިކަލް ޑޮކްޓަރުން ރާއްޖޭގައި މެޑިކަލް ކޭމްޕް ކުރިއަށް ގެންދިއުމާއި މެޑިކަލް އިކުއިޕްމެންޓް ފޯރުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

ޗައިނާގެެ އިތުރުން ލިތުއޭނިއާ އިން ރާއްޖެ އަށް ޑޮކްޓަރުންނާއި އެހެނިހެން ސިއްހީ ހިދުމަތްތެރިން ތަމްރީނުކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަން ފާހަގަކޯށް ހެލްތު މިނިސްޓްރީ އިން ވަނީ އެ ފަރާތަށް ޝުކުރު އަދާކޮށްފަ އެވެ.

ސްވިޒަލްޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ޑަބްލިއު އެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ 136 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑާއިގެންނެވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އާއި އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އާއިޝަތު ސާމިޔާގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރު މައިމޫނާ އަބޫބަކުރެވެ.

އެ ބައްދަލުވުން ކުރިއަށް ދާނީ މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.