01 Feb 2015, 15:55
ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސްއޭބްލްސް (އެމްއޭޕީޑީ) ގުޅިގެން، ޖަމާލުއްދީން ސްކޫލުގައި ކިޔަވަމުންދާ، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބެޑްމިންޓަން ކުޅެން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
އެމްއޭޕީޑީގެ ޗެއާޕާސަން އަހުމަދު މުހައްމަދު (އައްމަޑޭ) ވިދާޅުވީ، ޖަމާލުއްދީން ސްކޫލުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ފައްޓާ އެ ޕްރޮގްރަމަކީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އަމާޒުކޮށް މި އަހަރުގެ ތެރޭގައި އެ އެސޯސިއޭޝަނުން ހިންގަން ރާވާފައިވާ ކުޅިވަރު ޕްރޮގްރާމްތަކުގެ ފެށުން ކަމަށެވެ.
"މި އަހަރުގެ ތެރޭގައި ބެޑްމިންޓަންގެ އިތުރުން ބާސްކެޓް ބޯޅައާއި އެތްލެޓިކްސް އަދި ރާޒުވާ ތައާރަފްކުރާނެ. އަޅުނގަޑުމެންގެ އަމާޒަކީ ޖަމާލުއްދީން ސްކޫލުގައި ކިޔަވަމުންދާ ނުކުޅެދުންތެރިކަން ހުރި ދަރިވަރުން 2020 ވަނަ އަހަރު ޓޯކިޔޯގައި އޮންނަ އޮލިމްޕިކްސް އަށް ތައްޔާރުކުރުން،" ބެޑްމިންޓަން އެސޯސިއޭޝަންގައި ވެސް އިސްކޮށް ހަރަކާތްތެރިވާ އައްމަޑޭ ވިދާޅުވި އެވެ.
އެމްއޭޕީޑީގެ އިސްނެންގެމުގެ މަތިން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ޖަމާލުއްދީން ސްކޫލުގައި ކިޔަވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ތެރެއިން 18 ދަރިވަރަކު ބައިވެރިވެ އެވެ. ހަފްތާ އަކު ހަތަރު ދުވަހު ހިންގުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
އައްމަޑޭ ވިދާޅުވީ، ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ބެޑްމިންޓަން ދަސްކޮށްދިނުމަށްޓަކާ ހަރަކާތްތެރިވާނީ މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީގެ ކޯޗުން ކަމަށެވެ. އަދި އެފަދަ ދަރިވަރުންނަށް ކުޅިވަރު ދަސްކޮށްދިނުމަށް ކޮންމެ ކުޅިވަރަކުން ވެސް ގުޑްވިލް އެމްބެސެޑަރުން ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.
ޖަމާލުއްދީން ސްކޫލުގައި ކިޔަވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބެޑްމިންޓަން ދަސްކޮށްދިނުމަށް ގުޑްވިލް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރާއްޖޭގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ އަހުމަދު އަޖްފާނާއި އައިޝަތު އަފްނާނެވެ.