01 Feb 2015, 15:43
ބަރުލަމާނީ ނިޒާމު އޮންނަ އިޓަލީވިލާތުގެ ރަމްޒީ މަގާމެއް ކަމަށްވާ ރައީސް ކަމުގެ މަގާމަށް އެގައުމުގެ ޕާލަމެންޓުން ފަނޑިޔާރަކު ހޮވައިފި އެވެ.
އިޓަލީ ޕާލަމެންޓުން އެގައުމުގެ ރައީސްކަމަށް އިންތިހާބު ކުރީ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުންނެވި ސާޖިއޯ މަޓަރެއްލާ އެވެ. އޭނާ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ އިޓަލީ ޕާލަމެންޓްގައި އެކަމަށް ވޯޓު ނެގި ތިން ވަނަ ދުވަހު ކަމަށް
އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުން ބުންޏެވެ. އެނޫހުން ބުނީ އުމުރުން 73 އަހަރުގެ މަޓަރެއްލާއަކީ އިޓަލީގެ ސިޔާސީ އެއްވެސް ފިކުރަކަށް ތާއީދުނުކުރައްވާ ބޭފުޅެއް ކަމަށެވެ.
ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވުމުން މަޓަރެއްލާ ވިދާޅުވެފައި ވަނީ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އޭނާގެ ވިސްނުންފުޅު ހުއްޓިފައި ވަނީ އިޓަލީގެ ރައްޔިތުންނަށް ކަމަށެވެ. ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމުގައި ޔޫރަޕް އެއްބައިވަންތަ ވުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފަ އެވެ.
އިޓަލީގެ ސިސިލީ އަށް އުފަން މަޓަރެއްލާ އެގައުމުގެ ޕާލަމެންޓަށް ފުރަތަމަ އިންތިހާބު ވެވަޑައިގެންނެވީ 1983 ވަނަ އަހަރު އެވެ.