ވ. ރަކީދޫގައި ޒަހަމުތަކާ އެކު މަރުވެފައި އޮއްވައި ފެނުނު މުޙައްމަދު އިބުތިޙާލުގެ މަރުގެ މައްސަލާގައި ހަތަރު މުއައްސަސާއަކުން މައުލޫމާތު ހޯދަން މަޖިލިސް ކޮމިޓީ އިން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގައި ފާސްކޮށްފައި ވަނީ ރަކީދޫ ކައުންސިލާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އާއި ފުލުހުންގެ މުއައްސަސާ އިން އިބްތިހާލްގެ މައްސަލާގެ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރުމަށެވެ. އަދި މައުލޫމާތު ހޯދުމަށް ފަހު، އެކަމާ ގުޅިގެން ހާޒިރު ކުރަން ޖެހޭ ފަރާތެއްވާ ނަމަ އެ މުއައްސަސާއެއް ކޮމިޓީއަށް ހާޒިރު ކުރުމަށް ވެސް ވަނީ ނިންމަފަ އެވެ.

އެގޮތަށް ނިންމާފައި ވަނީ މެމްބަރުންގެ އިއްތިފާގުންނެވެ. އެ ގޮތަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެވެ. އޭނާ ހުށަހެޅުއްވުމުގައި ވަނީ ފުރަތަމަ އެ ހަތަރު މުއައްސަސާ އިން އިބްތިހާލްގެ މައްސަލާގައި "ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް" މައުލޫމާތު ހޯދުމަށެވެ. އަދި އެއަށް ފަހު އެ މައުލޫމާތުތައް ދިރާސާ ކުރުމަށް ފަހު އެ ހަތަރު މުއައްސަސާ ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މައްސަލަ ހުށަހެޅުއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އިބްތިހާލުގެ މައްސަލާގައި އިހުމާލުވެފައި ވަނީ ކޮން ބައެއްތޯ ބަލަން އެބަޖޭ ކަމަށެވެ. އަދި ރާއްޖޭގައި އުފެދިފައި ހުރި ގާނޫނުތަކުން އެކުދިންނަށް ރައްކާތެރިކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ހިނގާފައި ވަނީ ކޮންމެވެސް ބައެއްގެ "ފަރުވާކުޑަކަމުން" ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"މިކަންކަން ރަނގަޅަށް ބެލޭ ނަމަ މިފަދަ ހާދިސާތައް ނުހިނގާނެ ގޮތް ކަނޑައެޅިފައި އެބަވޭ. އެހެންވީމާ އަޅުގަނޑުމެން އެބަ ބަލަން ޖެހޭ ކޮންގޮތަކަށް ކޮން ހިސާބަކުންތޯ ކޮންގޮތަކަށް ފަރުވާކުޑަވެގެން ދޫކޮށްލެވިގެންތޯ މިފަދަ ކަންކަން ހިނގައިގެން މިދަނީ. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ނޭދެން މިފަދަ ކަންކަން ހިނގައިގެން ދާކަށް. އަދި މިފަދަ ކަމެއްގައި އިހުމާލުވެގެން މިދިޔަ މީހުންނަށް ލިބެން ޖެހޭ އަދަބެއް ލިބުމަކީ ވެސް އެއީ އަޅުގަނޑުމެންގެ ނިޒާމު ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" ރޮޒެއިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން ކަމާ ގުޅުން ހުރި އެއްވެސް މުއައްސަސާއަކުން ދައްކާ ވާހަކަތައް ދިމާ ނުވާ ކަމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އިބްތިހާލުގެ މައްސަލަ ނުބަލާ ސަރުކާރުން ދޫކޮށް ނުލާނެ ކަމަށެވެ. އެހެންކަމުން އިބްތިހާލުގެ މަރުގެ މައްސަލާގައި ޒިންމާވާން ޖެހޭ ހުރިހާ ފަރާތްތަކަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން ބަލަން އެބަޖެހޭ ކަމެއް ހިނގައިފި ނަމަ އެކަންކަން ބެލުމަށް މިނިސްޓްރީތައް ހެދިފައި އެބަހުރި. އެމައްސަލަތައް ބަލަމުން ދަނިކޮށް އަޅުގަނޑުމެން އޭގެ ތެރެއަށް އެމީހުން އެގޮތަކަށް އެމައްސަލަ ބަލާ ނިމި އަޅުގަނޑުމެންނަށް އެ މައްސަލާގައި ކަންހިނގައި ދިޔަ ގޮތުގެ ރިޕޯޓް ނިމި އެ ރިޕޯޓްތަކާ އެއްކޮށް އެ މީހުން ގެނައުމަކުން އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް،" މުހައްމަދު ވިދާޅުވި އެވެ.

އެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމިޓީގެ މުގައްރިރު ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން ކަމެއް ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެފަދަ ކަންކަމަށް ހަދަން ޖެހޭ ހުރިހާ ގާނޫނެއް މަޖިލީހުން ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަންކަން މީހުންނާ ހަވާލު ކުރީމާ އެކަން ނުކުރާ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އަޅުގަނޑުމެންނަކީ ކަމެއް ނުހިނގައިފިއްޔާ އެކަމެއް ޖަވާބުދާރީ ކުރުވަން ތިބޭ ބައެއް. ކަމެއް ނުހިނގާ އިރު ކަމެއް ހިނގުމުގެ ކުރީގައި އެއަށް ފިޔަވަޅު އަޅަން ތިބޭ މީހުން ވެސް އެ މަސްއޫލިއްޔަތު ވެސް އެބަ އަދާކުރޭ. އަޅުގަނޑުމެންނަށް ގާނޫނު އެނގެން އެބަޖެހޭ. ޖެންޑާ މިނިސްޓްރީގެ މަސްއޫލިއްޔަތަކީ ކޮބައިކަން އެނގެން އެބަޖެހޭ. އެހެން ތަންތަނުގެ މަސްއޫލިއްޔަތަކީ ކޮބައިކަން އެނގެން އެބަޖެހޭ." ރިޔާޒު ވިދާޅުވި އެވެ.