މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ނިއުރޭޑިއެންޓަށް ގެނައި ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ބްރެޒިލްގެ ސަންތޯސް އާއި ރަފައެލް އެ ޓީމުން ފޮނުވާލަން ނިންމާފައި ވާކަމަށް ދެކެވޭ ވާހަކަތައް އެ ކްލަބުން ދޮގުކޮށްފިއެވެ.

ނިއުއިން މިއަދު ބުނީ އެ ކުޅުންތެރިން ކްލަބުން ދޫކޮށްލަން އުޅޭ ކަމަށް ބައެއް ފަރާތްތަކުން އަޑުތައް ފަތުރަމުން ގެންދިޔަކަމުގައި ވިޔަސް، އެއްވެސް ކުޅުންތެރިއަކު ދޫކޮށްލަން ރަސްމީކޮށް އަދި ނިންމާފައި ނުވާކަމަށެވެ. ނަމަވެސް ޕީޕަލްސް ކަޕްގެ ނަތީޖާއާއެކު އެ ޓީމްގެ ސްކޮޑުން ބަދަލުތަކެއް ފެނިގެން ދިޔުން އެކަށީގެން ވާކަމަށް އެ ޓީމުން ވަނީ ހާމަކޮށްފައެވެ.

އޭގެ އިތުރުން ނިއުއިން ވަނީ އަމިއްލަ ގޮތުން ރާއްޖެ އައި ހަތަރު ބިދޭސީ ކުޅުންތެރިއަކު ޓީމުގެ ޓްރައިލް ތަކުގައި ބައިވެރިވެފައި ވާކަންވެސް ހާމަކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން ކުޅުންތެރިއަކު ޓީމަށް ނަގަން އަދި ނިންމާފައި ނުވާކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

މި އަހަރުގެ ފުރަތަމަ މުބާރާތުގެ ގޮތުގައި އެފްއޭއެމުން މިދިޔަ މަހު ބޭއްވި ޕީޕަލްސް ކަޕް ނިއު ނިންމާލާފައި ވަނީ ތާވަލްގެ އެންމެ ފުލުގައި އޮވެގެނެވެ. އެ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެ، ތިންވަނަ މެޗުން ނިއު އެއްވަރު ވިއިރު، އެ މުބާރާތުގައި ނިއުއަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ.

ޕީޕަލްސް ކަޕްގެ ދެވަނަ މެޗުން ބަލިވުމުން އެ މުބާރާތުގައި ނިއު ނެރެމުންދާ ނަތީޖާއާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި، ކާމިޔާބީ ހޯދާ ޓީމެއްގެ ގޮތުގައި އެ ޓީމް ދެމެހެއްޓުމަށް އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އަޅަން ފަސް ނުޖެހޭނެ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.

އެ މުބާރާތުގެ ބައެއް މެޗުތަކުގައި ނިއުގެ ބައެއް ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ނޭދެވޭ ކަންކަމަށް އެ ކުޅުންތެރިންނާއި މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅަންވެސް އެ ކްލަބުން ވަނީ ނިންމާފައެވެ.

ބްރެޒިލް ދެ ފޯވާޑުންގެ އިތުރުން، މި ފަހަރުގެ ސީޒަނަށް ކުރިމަތި ލީއިރު ނިއުގެ ތަޖުރިބާކާރު ގޯލްކީޕަރު އަދި ރާއްޖޭގެ ގައުމީ ޓީމްގެ ގޯލްކީޕަރު އިމްރާން މުހައްމަދު އެ ޓީމް ދޫކޮށް މާޒިޔާއަށް ބަދަލުވުމުން، އޭނާގެ ބަދަލުގައި އެ ޓީމަށް ވަނީ ސްޕެއިންގެ ކީޕަރެއް ކަމަށްވާ ޕެޑްރޯ މަރެންކޯ ގެނެސްފައެވެ. އަދި މިފަހަރު ބޭއްވި ޕީޕަލްސް ކަޕްގައި ނިއު ނެރުނު ނަތީޖާއާމެދު ހިންހަމަ ނުޖެހޭ ކަމަށް ބުނެ، އެ ޓީމްގެ ކޯޗް މިކާ ލޮންސްޓްރޮމް ވަނީ ޓީމުގައި ރަނގަޅުކުރަން ޖެހޭ ވަރަށް ބައިވަރު ކަންކަން ހުރިކަން ފާހަގަ ކޮށްފައެވެ.

މި އަހަރުތެރޭ ދެން ނިއު އެންމެ އަވަހަށް ކުރިމަތިލާ މުބާރާތަކީ އޭއެފްސީ ކަޕެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިމަހުގެ 25 ވަނަ ދުވަހު ނިއު ކުރިމަތި ލާނީ އިންޑޮނޭޝިއާގެ ކްލަބެއް ކަމަށްވާ ޕާސިބް ބަންޑަންގްއާ އެވެ.