01 Feb 2015, 14:11
ރ. އިގުރައިދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލައިގެން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 10:21 އެހާކަންހާއިރު އިނގުރައިދޫ ކެފޭއެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.
ރޭ 7:30 އެހާ ކަންހާއިރު، ސައިކަލުން ޖައްސުމުން އަނިޔާވެފައި ވަނީ 73 އަހަރުގެ ފިރިހެނަކަށް ކަމަށާއި، އެމީހާއަށް އިގުރައިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރުފަރުވާއަށް އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"މިހާތަނަށް ބެލި ބެލުމުން އެނގިފައިވާގޮތުގައި މި އެކްސިޑެންޓް ހިިނގާފައިވަނީ 3 މީހަކު އަރުވައިގެން ޤަވާއިދާ ޚިލާފަށް ދުއްވާފައިދިޔަ ސައިކަލެއް އެމަގުން ހިނގާފައިދިޔަ 73 އަހަރުގެ މީހާ ގައިގާ ޖެހިގެން" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ސައިކަލުގެ ތިބި ތިން މީހުންގެ ތެރެއިން 36 އަހަރުގެ މީހާގެ އިނގިލިތަކަށް އަނިޔާވެފައި ވާ ކަމަށާއި، އޭނާއަށް އިނގުރައިދޫ ސިއްޙީ މަރުކަޒުން ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓް ހިނގި ވަގުތު ސައިކަލް ދުއްވަން އިން 23 އަހަރުގެ މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށާއި، އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.