01 Feb 2015, 13:50
ރާއްޖޭގެ ބަށިބޯޅަ ފައުންޑޭޝަންގެ އިސްވެރިން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލާ ބައްދަލު ކުރައްވައިފިއެވެ.
މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި ބަށި ބޯޅަ ފައުންޑޭޝަންގެ ރައިސާ ޝިޔާމާ އަހުމަދުގެ އިތުރުން އެ ފައުންޑޭޝަންގެ އިސްވެރިންވެސް ވަނީ ބައިވެރި ވެފައެވެ. އެ ބައްދަލުވުމުގައި ބަށިބޯޅަ ކުރިއެރުވުމަށް ދިމާވެފައިވާ ދަތިތައް މިނިސްޓަރާ ހިއްސާ ކުރުމުގެ އިތުރުން، އެ ކުޅިވަރު ކުޅެނޭނެ ތަނުގެ ދަތިކަން ދިމާވެފައި ވާކަންވެސް ބަށިބޯޅަ ފައުންޑޭޝަނުން ވަނީ ޔޫތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޔޫތު މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ ރާއްޖޭގައި ބަށިބޯޅައަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ޔޫތު މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށާއި، ބަށިބޯޅަ ފައުންޑޭޝަނާއި ގުޅިގެން އެ ކުޅިވަރު ކުޅުމަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައި ދޭން މި އަހަރުތެރޭ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދިމާވެފައިވާ ދަތިތަކުގެ އިތުރުން، މި އަހަރުތެރޭ ބަށިބޯޅަ ފައުންޑޭޝަނުން މިއަހަރުގެ ތެރޭގައި ހިންގަން ރާވާފައިވާ އެކިއެކި ހަރަކާތްތަކާ ބެހޭ ގޮތުންވެސް އެ ފައުންޑޭޝަނުން ވަނީ މިނިސްޓަރަށް މައުލޫމާތު ދެއްވާފައެވެ.
ބަށިބޯޅަ ފައުންޑޭޝަނުން އިސްނަގައިން މި އަހަރުތެރޭ ފުރަތަމަ ފަހަރަށް އިންޓަ ސްކޫލް ބަށިބޯޅަ މުބާރާތެއް ބާއްވަން ރާވާފައި ވާއިރު، އެ ކުޅިވަރަށް މިއަހަރުތެރޭ ރަސްމީ ޔުނީފޯމެއްވެސް ތައާރަފްކުރަން ބަށިބޯޅަ ފައުންޑޭޝަނުން ވަނީ ނިންމާފައެވެ.