ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ބުނެ އެމްނެސްޓީ އިންޓަނޭޝަނަލް އިން ރާއްޖެ އަށް ފާޑުކިޔައިފި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލުން މިދިޔަ ހަފްތާގައި އާންމުކުރި ރިޕޯޓެއްގައި ވަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތައް އިސްލާޙު ނުކުރެވުމާއި ޖުޑިޝަލް ސާވިސް ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ މުސްތަގިއްލުކަން ސަރުކާރަށް ކަށަވަރުކޮށްދެވިފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް އެމްނެސްޓީ އިން ނެރުނު ރިޕޯޓުގައި ސަރުކާރަށް ގޮވާލާފައިވެ އެވެ. އެގޮތުން އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ފަނޑިޔާރުންނަށް ތަމްރީނު ދިނުމާއި ހައްދު ޖެހުމާއި މަރަށް މަރު ހިފުމުގެ އަދަބުތައް ތަންފީޒު ނުކުރުމަށް އެމްނެސްޓީ އިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ އިންސާނީ ހާލަތު ދަށަށް ދިއުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ހައްދު ޖެހުމާއި މަރަށް މަރު ހިފުމުގެ އަދަބުތައް ތަންފީޒުކުރުމަށް ސަރުކާރުން މަސައްކަތް ކުރާތީ އެވެ.

މީގެ އިތުރުން ނޫސްވެރިންނަށް ދެމުންދާ ހަމަލާތަކުގެ ވާހަކަ ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ފުލުހުން ހާލަތާ ނުގުޅޭ ބާރުގެ ބޭނުން ކުރުމާއި ދީނީ މިނިވަންކަން ނެތުމަކީ ރާއްޖޭގެ އިންސާނީ ހާލަތު ދަށަށްދާ ސަބަބެއްގެ ގޮތުގައި އެމްނެސްޓީން ވަނީ ފާހަގަކޮށްފަ އެވެ.