01 Feb 2015, 13:12
މާލެ އަދި ހުޅުމާލޭގައި ހަދާ އިމާރާތްތައް 20 ބުރި އާއި 25 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދޭނެ އުސޫލް އަދި ރަސްމީކޮށް ނުނިމޭ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.
ހުސްވިމަހު 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގެ ބިމުގެ އަގު ކުރިއަށް އޮތްތަނުގައި އިތުރަށް ބޮޑުވެގެންދާނެ ކަމަށާއި އެގޮތުން މާލެ އާއި ހުޅުމާލޭގައި ވެސް 20 ބުރި އާއި 25 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަށް ނިންމައި އެކަމުގެ އުސޫލު މިދިޔަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ސަރުކާރުން އިއުލާނު ކުރައްވާނެ ކަމަށެވެ.
ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ސަން އަށް ވިދާޅުވީ އެ އުސޫލްގެ މަސައްކަތް "އަދި ރަސްމީކޮށް ނުނިމޭ" ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މިހާތަނަށް މާލޭގައި އެންމެ އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދެނީ 15 ބުރިއާ ހަމަ އަށެވެ. ހުޅުމާލެއިން އާންމުންގެ ގޭގޭ އެންމެ އުސްކޮށް ހަދަން ހުއްދަ ދޫކުރަނީ ހަތަރު ބުރިއަށެވެ.
ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސަރުކާރާއި ކުންފުނިތަކުގެ ބޭނުމަށް ވެސް ބޮޑެތި ބިންތައް ދޫކުރާނީ އުސްކޮށް އިމާރާތްތައް ކުރުމަށް ކަމަށާއި އަދި ހުޅުމާލެ އިން ދެން ފެނިގެން ދާނީ އުސްކޮށް ހުންނަ އިމާރާތްތަކެއް ހަދާފައި ހުންނަ ރަށެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.