01 Feb 2015, 13:09
އަމިއްލަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފެއްދުމަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކާރުން ތައާރަފްކުރި "ގްޓްސެޓް" ޕްރޮގްރާމުގެ ފޯމްތައް ބަލައިގަންނަން ފަށައިފި އެވެ.
ގެޓްސެޓް ސްކީމުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމްތައް މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާ ހަމަ އަށް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އަށް ބަލައިގަންނަމުންދާނެ އެވެ. އަދި ފޯމް ބަލައިގަންނަތާ 48 ގަޑިއިރުގެ ތެރޭގައި ފޯމަށް ޖަވާބުދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ސައިޓުގައި ބުނެފައިވެ އެވެ.
ގެޓްސެޓް ސްކީމްގެ ދަށުން އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް 300،000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯން ދޫކުރާނެ އެވެ.
ޔޫތު މިނިސްޓްރީ އިން ބުނީ، ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ގެޓްސެޓް އޮފީހުންނާއި ޔޫތް މިނިސްޓްރީގެ މައި އޮފީހުގެ އިތުރުން މާފަންނު ޒުވާނުންގެ މަރުކަޒުންނެވެ. އަދި ގެޓްސެޓް އީމެއިލް applications[at]getset.mv އަށް ވެސް އެޕްލިކޭޝަންތައް ފޮނުވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ޕޯސްޓް މެދުވެރިކޮށް ރާއްޖޭގެ އަތޮޅުތެރޭގައި ގާއިމްކޮށްފައި ހުންނަ މޯލްޑިވްސް ޕޯސްޓް ހިދުމަތްދޭ އޮފީސްތައް މެދުވެރިކޮށް ވެސް ފޯމްތައް ހުށާހެޅޭނެ ކަމަށް ޔޫތު މިނިސްޓްރީ އިން ބުންޏެވެ.
ގެޓްސެޓް ސްކީމަށް ހުށަހަޅާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގައި މައިގަނޑު ތިން ކަމަކަށް ބަލާނެ އެވެ. އެއީ އެކަމަކުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެ އަދި ރަށް، އަތޮޅަށް ލިބޭނެ ފައިދާގެ އިތުރުން ގައުމުގެ ތަރައްގީގެ ޕްރޮޖެޓްތަކަށް ލިބޭނެ ކުރިއެރުމަށެވެ.
ގެޓްސެޓް ލޯނަށް އެދުމުގެ ހަމައެކަނި ޝަރުތަކީ ވިޔަފާރިއެއް ފަށާނެ ރަނގަޅު ޚިޔާލެއް ހުށަހެޅުމެވެ. އެގޮތުން ހިޔާލު ހުށަހަޅަން ވާނީ، މަދުވެގެން ދެ ޒުވާނުން ގުޅިގެންނެވެ. އެންމެ ބޮޑުވެގެން ލޯނުގެ އިންޓްރެސްޓް ރޭޓް އަރާނީ އަށް ޕަސެންޓަށެވެ.
މީގެ އިތުރުން، ލޯނު ލިބޭ ފަރާތްތަކުން ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭ ތާރީޚަކާއި ދައްކަން ޖެހޭ އިންޓަރެސްޓް ރޭޓެއް ކަނޑައަޅާނީ ވިޔަފާރީގެ ބާވަތާއި، ބޮޑު ކުޑަމިނާއި، ލިބޭނެ ކަމަށް ލަފާ ކުރާ ފައިދާއަށް ބަލައި، ދެފަރާތް މަޝްވަރާ ކުރުމަށްފަހުގަ އެވެ.