ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސައިޑަޑްއާ ދެކޮޅަށް ކުޅުނު މެޗު 4-1ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ރެއާލް މެޑްރިޑް ތާވަލްގެ އެއްވަނައިގައި ހަމަޖެހިލި އިރު، އެއިބާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑް ތާވަލްގެ ދެވަނަ ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކޮށްފި އެވެ.

ރޭގެ ނަތީޖާއާ އެކު ރެއާލް ވަނީ 51 ޕޮއިންޓާ އެކު ތާވަލްގެ ދެވަނައިގައި އޮތް ބާސާއާ ހަތަރު ޕޮއިންޓުގެ ފަރަގެއް ހޯދާފަ އެވެ. އަދި ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު 47 ޕޮއިންޓް ހޯދައި އެތުލެޓިކޯ ތާވަލްގެ ދެވަނަ ބާސާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރި އިރު، ބާސާއަށް އޮތް ހިތްހަމަޖެހުމަކީ އެތުލެޓިކޯ ބާސާއަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައި ވުމެވެ.

ތާވަލްގެ އަށްވަނައިގައި އޮތް އެއިބަރ އާ ބައްދަލުކޮށް، ރޭގެ މެޗު އެތުލެޓިކޯ ކާމިޔާބު ކުރީ 3-1ގެ ނަތީޖާއަކުންނެވެ. އެންޓުއަން ގްރިޒްމެން މެޗުގެ ހަތް ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑާ އެކު އެތުލެޓިކޯ ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. އަދި މާރިއޯ މަންޒުކިޗް 23 ވަނަ މިނެޓުގައި ޖެހި ލަނޑާ އެކު އެ ޓީމް އިތުރަށް ލީޑު ފުޅާކޮށްލި އިރު، އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 ކަށް ހަދާފަ އެވެ.

ބޯ ވިއްސާރައިގައި ކުޅެމުން ދިޔަ އެ މެޗުގައި އެއިބާ އަށް އެތުލެޓިކޯގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައި ނުވިނަމަވެސް، އެ ޓީމް ވަނީ މެޗުގެ އެންމެ ފަހު މިނެޓުގައި ސުން ކަނޑުވާފަ އެވެ. ފެޑެރީކޯ ޕިއޮވައްކާރީ ކާމިޔާބު ކުރި ލަނޑާ އެކު 3-1 ގެ ނަތީޖާއަކުން މެޗު ނިމިގެން ގޮސްފައިވާ އިރު، އެ ދެ ޓީމް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް އެތުލެޓިކޯ ވަނީ އެއިބަގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ރޭ ރެއާލް މެޑަރިޑް ކުޅުނު މެޗުގައި ރެއާލް ސޮސައިޑަޑް މެޗު ފެށީ އެއް ވަނަ މިނެޓުގައި ސަޕޯޓަރުން ސިއްސުވާލި ލަނޑަކާ އެކު މެޗުގެ ލީޑު ނެގުމަށް ފަހު އެވެ. ނަމަވެސް އަރިޓްޒް ކާމިޔާބު ކުރި އެ ލަނޑާއެކު ސޮސައިޑަޑްއަށް ލިބުނު ލީޑު އެ ޓީމަށް ހިފެއްޓުނީ އެންމެ ދެ މިނެޓު ވަންދެނެވެ. މެޗުގެ ތިން ވަނަ މިނެޓުގައި މާސެލޯ ނަގައިދިން ބޯޅައަކުން ވޯލްޑްގެ ކަޕްގެ ރަން ބޫޓު ހާސިލް ކުރި ޖޭމްސް ރޮޑިރިގޭޒް ވަނީ ރެއާލްއަށް ސޮސައިޑަޑްގެ ގޯލު ހުޅުވަދީ، މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ރެއާލަށް މެޗުގެ ލީޑު ލިބުނީ 37 ވަނަ މިނެޓުގައި ސާޖިއޯ ރާމޮސް އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑާއެކު އެވެ. އަދި ސަސްޕެންޝަންގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލާ މެޗު ކުޅެމުން ދިޔަ ރެއާލްގެ ބާކީ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ ހާފްގައި މޮޅު ކުޅުމެއް ދެއްކި ކަރިމް ބެންޒެމާ އެވެ.

ސްޕެނިޝް ލީގުގައި މިރޭ ކުޅޭ ފާހަގަ ކޮށްލެވޭ މެޗުތަކުގެ ތެރެއިން ބާސާ އާއި ވިލަރިއަލް ބައްދަލުކުރާ މެޗު މިރޭ ދަންވަރު 1:30 ގައި ފަށަން ހަމަޖެހިފައިވާ އިރު، އެ މެޗު ބާސާ ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް އަނެއްކާ ވެސް އެތުލެޓިކޯގެ މައްޗަށް ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.