01 Feb 2015, 12:53
ށ. ނޫމަރާ ސްކޫލްގައި ކިޔަވައިދޭ ޓީޗަރެއްގެ ފަރާތުން ދަރިވަރުންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ނޫމަރާގައި ކުދިންތަކަކަށް ޖިންސީ ގޯނާ ކުރާ މައްސަލައެއް ފުލުހުންނަށް ހުށަހަޅަފާއިވާ ކަމަށެވެ. ނަމަވެސް ޖިންސީ ގޯނާ ކުރުމަށް އެ ޓީޗަރު ހިންގާ އަމަލަކީ ކޮބައިކަމެއް ފުލުހުން ނުބުނެ އެވެ.
ނޫމަރާ ކައުންސިލްގެ ރައީސް އަހުމަދު ވިޝާން މިއަދު ސަން އަށް ވިދާޅުވީ މިއަދު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިކޮށްފައި ވަނީ ބެލެނިވެރިންގެ ފަރާތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޓީޗަރުގެ ފަރާތުން ޖިންސީ ގޯނާ ކުރާ ކަމަށް ވަނީ އަންހެން ދަރިވަރުންނަށެވެ.
އޭނާ ވިދާޅުވީ ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރަނީ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ ޓީޗަރަކީ އެކިފަހަރު އެކިމާއްދާ ކިޔަވައިދެމުން އަންނަ ޓީޗަރެއް ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވެފައިވާ އިރު ވެސް ޓީޗަރު ސްކޫލަށް ނުކުންނަ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އެޓީޗަރަކީ ޕްރައިމަރީ އަދި ސެކަންޑަރީ ގުރޭޑްތަކަށް ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ.