މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކޮންގްރެސް އަންނަ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީ އިން ނިންމައިފި އެވެ.

އެމްޑީއޭގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ އެމްޑީއޭ މިހާރު ހިންގަމުން ދަނީ އިންތިގާލީ ކައުންސިލެއްގެ ދަށުން ކަމަށެވެ. އާމިރު ވިދާޅުވީ އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ދެ ފަހަރެއްގެ މަތީން އިއުލާނު ކުރި ކަމަށާއި އެހެންނަމަވެސް ދިމާވި ބައެއް ސަބަބުތަކާ ހެދި ކޮންގްރެސް ލަސްވެގެން ދިޔައީ ކަމަށެވެ.

"މިހާރު ދެން އަޅުގަނޑުމެން ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ނިންމާފައި މިވަނީ މި މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު. އަޅުގަނޑުމެންގެ ކޮންގްރެސް ކުރިއަށް ދާނީ މިދެންނެވި ދެ ދުވަހު ދަރުބާރުގޭގައި. އަޅުގަނޑުމެންގެ ކޮންގްރެސް އަށް ކިތަންމެ ވަގުތު ކުޑަތަންވި ނަމަވެސް މިކަން ގެންދެވޭނެ އެންމެ ފުރިހަމަކޮށް ގެންދިއުމަށް އަޅުގަނޑުމެންގެ ކައުންސިލުން މަސައްކަތް ކުރަމުން މިގެންދަނީ،" އާމިރު ވިދާޅުވި އެވެ.

އެމްޑީއޭގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒް މޫސަ

އޭނާ ވިދާޅުވީ ކޮންގްރެސް ބޭއްވުމުގެ ގޮތުން މީގެ ކުރިން ވެސް ރާއްޖޭގެ އެކި ރަށްރަށުގައި އެމްޑީއޭގެ ގޮފިތަކެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން މިހާރު ރާއްޖޭގެ އެކި ރަށްރަށުގައި އެ ޕާޓީގެ ގޮފިތައް އުފެދިފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ. އަދި ކޮންގްރެސްއަށް ފަހު ވެސް އެ ޕާޓީގެ އެކި ގޮފިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންގެ މި ޕާޓީއަކަށް އަދިއެއް ނުލިބޭ ނޭވާލާނެ ވަގުތެއް. އެހެން މިދެންނެވި ވަގުތަކީ ވެސް ދިވެހި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުގައި އޮންނަތާ ތިން އަހަރު ފަހުން އެ ގާނޫނު ވުޖޫދުވެގެން ދިޔައީ." އާމިރު ވިދާޅުވި އެވެ.

އެމްޑީއޭގެ ކޮންގްރެސް އަންނަ ހުކުރު ދުވަހު ފެށިގެންދާއިރު ޖުމުލަ ހަތް މަގާމަކަށް ބޭފުޅުން ވަނީ ކުރިމަތިލައްވައިފަ އެވެ. އެގޮތުން ޕާޓީގެ ލީޑަރާއި ނައިބު ލީޑަރުންނަށް މިވަގުތު ކުރިމަތިލައްވާފައި ވަނީ "ހަމަ އަދަދަށް" ކަމަށް އެ ޕަޓީ އިން ބުންޏެވެ. ކޮންގްރެސްގައި އާންމު 10 މެމްބަރުން ހޮވުމަށް ނިންމާފައިވާ އިރު އެކަމަށް އެދި 19 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. ޒުވާނުންގެ ރައީސެއްގެ ގޮތުގައި ތިން މެމްބަރުން ކުރިމަތިލައްވާފައިވާ އިރު އަންހެނުންގެ ރައީސާއެއްގެ ގޮތުގައި ދެ މެމްބަރުން ވަނީ ކުރިމަތިލައްވައިފަ އެވެ.
އެމްޑީއޭގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒް މޫސަ

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވީ އެ ޕާޓީގެ ކޮންގްރެސް އަށް ފަހު ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށާއި ޕާޓީގެ ބާރުވެރިކަން އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

"އެމްޑީއޭގެ ސިޔާސީ ކުރު ހަޔާތުގައި ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށް ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ގަބޫލުކުރޭ. އަދި މި ޕާޓީ މިއޮތީ ރައްޔިތުންގެ މެދުގައި މަގުބޫލު ޕާޓީއެއްގެ ގޮތުގައި،" މައުރޫފު ވިދާޅުވި އެވެ.

އެމްޑީއޭ އިން ބުނީ އެޕާޓީގެ ކޮންގްރެސަށް ފަހު ޕާޓީގެ އަސާސީ ގަވާއިދަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ.