މިދިޔަ މަހު ވިލިމާލޭގައި ފުލުހެއްގެ ކޮނޑަށް ވަޅިހަރައި ޒަޚަމްކޮށްލި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މ. ވޭރާ މުހައްމަދު ނަސްރުގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި, މީހަކަށް ނުރައްކާތެރި ހާނިއްކައެއް ލިބޭގޮތަށް ތޫނުއެއްޗަކާ އެކު މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ނަސްރުގެ މައްޗަށް ތުހުމަތުކުރެވުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރުފަހު 3:40 އެހައިކަންހާއިރު، އޭނާ ދިރިއުޅޭ ގެ ކަމުގައިވާ ވ. މިނިވަންހިޔާއަށް ފުލުހުން ދިޔުމުން "ހޭއަރުވާލާނެ ކަމަށް ބުނެ" ނަސްރު އިންޒާރުދިން ކަމަށެވެ.

އިންޒާރުދިނުމަށް ފަހު ޕޮލިސް ލާންސްކޯޕްރަލް އަހްމަދު ސަމީހު މުހައްމަދުގެ ކޮނޑަށް އޭނާ ވަޅި ހަރާފައިވާކަން ހެކީންގެ ހެކިބަހުންނާއި ޝަރީއަތުގައި ނަސްރު ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށް އެ ހުކުމްގައިވެ އެވެ.

އެ ހަމަލާގެ ސަބަބުން ސަމީހުއަށް އަނިޔާ ލިބިފައިވާކަން އޭނާގެ މެޑިކޯލީގަލް ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ނަސްރުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުންނެވެ. މިއީ އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިބާވަތުގެ މައްސަލައެއްގައި އިއްވި ފުރަތަމަ ހުކުމެވެ.