01 Feb 2015, 12:12
ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމަށް އިރާންގެ ކޯޗަކު ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރިޔާޒް ވިދާޅުވީ ރާއްޖޭގެ ސީނިއާ ވޮލީ ޓީމަށް އިރާންގެ ކޯޗެއް ހަމަޖެއްސުމަށް ޓަކައި އެ ގައުމުގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްއާ މަޝްވަރާ ކޮށްފައިވާ ކަމަށާއި މަޝްވަރާތައް އެދެވޭ ގޮތަކަށް ނިމިއްޖެ ނަމަ މިމަހުގެ ތެރޭގައި ގައުމީ ޓީމަށް އިރާންގެ ކޯޗެއް ރާއްޖެ ގެނެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
"ކޯޗަކު ހަމަޖެއްސުމުގައި މިހާރު ކުރިޔަށް މިދަނީ ރަސްމީ ލިޔެކިޔުންތައް ބަދަލުކުރުން. މިހާރު ކުރިޔަށްދާ މަސައްކަތްތައް ރަނގަޅަށް ކުރިޔަށްދާ ނަމަ ގަބޫލު ކުރެވެނީ ފެބްރުއަރީ މަހުގެ ތެރޭގައި ކޯޗު މާލެ ގެނެވޭ ވަރުވާނެ ކަމަށް،" ރިޔާޒް ވިދާޅުވި އެވެ.
މިދިޔަ މަހުގެ ތެރޭގައި އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަންގެ ފަރާތުން ބޭއްވި އޭވީސީ ސެންޓްރަލް ޒޯން ބައްދަލުވުމުގައި ބައިވެރި ވުމަށް ފަހު ރިޔާޒް ވިދާޅުވީ ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް ކޯޗެއް ހަމަޖެއްސުމުގެ އިތުރުން، އެ ބައްދަލުވުމުގެ މަޝްވަރާތަކުން ރާއްޖޭގެ ވޮލީބޯޅައަށް ގިނަ ކަންތައްތަކެއް ފަހިވެގެން ދާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި މި ސަރަހައްދަގައި ވޮލީގެ އެއްވަނަ ކަމަށްވާ އިރާންގެ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްއާ ކުރި މަޝްވަރާ ތަކުގައި، ގައުމީ ޓީމަށް ކޯޗެއް ހޯދަދިނުމުގެ އިތުރުން އެ ގައުމުން އަހަރުތެރޭ ރާއްޖޭގެ ވޮލީބޯޅައަށް ގިނަ އެހީތަކެއް ލިބިގެން ދާނެ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ އިރާންގެ ކޯޗެއް ރާއްޖޭގެ ޓީމަށް ހަމަޖެހިއްޖެ ނަމަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިމެންދެން އޭނާ ރާއްޖޭގައި މަޑު ކުރާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގައި ފާހަގަ ކުރެވޭ ވަރުގެ ކާމިޔާބީތަކެއް ރާޖޭގެ ގައުމީ ވޮލީ ޓީމަށް ހޯދިފައި ނުވާއިރު، މި އަހަރު ގައުމީ ޓީމް ބައިވެރިވާ ބައެއް މުބާރާތްތަކުގެ ތެރޭގައި ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހިމެނެ އެވެ.
މިފަހަރުގެ އިންޑިއަން އޯޝަން ގޭމްސްގައި ގިނަ ރަން މެޑަލް ތަކެއް ހޯދަން އަމާޒު ކުރާނެ ކަމަށާއި އެ ގޭމްސްއަށް ތައްޔާރު ވުމަށް މި މަހުގެ ތެރޭ ސްޕޯޓްސް ކެމްޕެއިނެއް ފަށަން ރާވާފައި ވާކަމަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް އަހުމަދު މަރުޒޫގް ވަނީ ވިދާޅުވެފަ އެވެ.