ވަޒީރުންނާ ސުވާލުކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ފޮނުއްވާފައިވާ ބައެއް ސުވާލުތައް، މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ނުކުރައްވައި، އަނބުރާ ފޮނުއްވައިލައްވައިފައި ވަނީ އެ ސުވާލުތައް މަޖިލީހުގެ ގަވާއިދަށް ނުފެތޭތީ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ވަޒީރުންނާ ސުވާލުކުރެއްވުމަށް އެކަށީގެންވާ ފުރުސަތުތަކެއް ދެއްވައިފައިނުވާ ކަމަށް ވިދާޅުވެ، އިއްޔެ ޝާހިދަށް ރިޔާޒް ފޮނުއްވި ސިޓީއަށް ޖަވާބުދެއްވަމުން ޝާހިދު ވިދާޅުވެފައި ވަނީ، މިދިޔަ އަހަރުގެ ފުރަތަމަ ދައުރުގައި ވަޒީރުންނާ ކުރެއްވުމަށް ރިޔާޒް 9 ސުވާލެއް ފޮނުއްވި އިރު، އޭގެ ތެރެއިން ތިން ސުވާލެއް އަނބުރާ ފޮނުއްވައިލެއްވީ މަޖިލީހުގެ ގަވާއިދަށް ނުފެތުމުގެ ސަބަބުން ކަމަށެވެ. އަދި އޭގެ ތެރެއިން ހަ ސުވާލެއް އެ ދައުރުގެ ޖަލްސާތަކުގައި އެޖެންޑާކުރައްވައިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އަދި 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގައި ރިޔާޒް ހުށަހެޅުއްވި 19 ސުވާލުގެ ތެރެއިން، ހަތަރު ސުވާލެއް ކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށް ވެސް ޝާހިދު ވިދާޅުވެފައިވެ އެވެ.

"ބާކީ އޮތް 15 ސުވާލުގެ ތެރެއިން އެއް ސުވާލު ވަނީ މަޖިލީހުގެ ގަވާއިދަށް ނުފެތުމުގެ ސަބަބުން އަނބުރާ ފޮނުވައިފަ އެވެ. އަދި ބާކީ އޮތް 14 ސުވާލު އަނބުރާ ފޮނުވަން ޖެހުނީ 29 ޖޫން 2010ގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން ޤާނޫނު ނަންބަރު (ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު)ގެ ދަށުން އިއްޒަތްތެރި މެމްބަރު ހުށަހަޅުއްވައިފައިވާ ސުވާލުތައް ކުރައްވައިފައިވާ ވަޒީރުން މަގާމުމުގައި ނެތުމުންނެވެ،" ރިޔާޒަށް ފޮނުވި ދެ ސޮފުހާގެ ސިޓީގައިވެ އެވެ.

މިދިޔަ އަހަރުގެ މަޖިލީހުގެ ފަހު ދައުރުގައި ރިޔާޒު ފޮނުއްވި 14 ސުވާލުގެ ތެރެއިން އެއްވެސް ސުވާލެއްގެ ތެރެއިން ދެ ސުވާލު އަނބުރާ ފޮނުވައިފައި ވަނީ އެ ދެ ސުވާލު ނިސްބަތްވާ މިނިސްޓްރީތަކުން، އެ ސުވާލުތަކަކަކީ އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުމެއް ނެތް ސުވާލުތަކެއް ކަމަށް ބަޔާންކޮށްފައިވާތީ ކަމަށް ވެސް ޝާހިދު ވިދާޅުވެފައިވެ އެވެ.

އަދި އަނެއް 12 ސުވާލުގެ ނޯޓިސް ނޮވެމްބަރު 30، 2010 ގައި ވަޒީރުންނަށް ފޮނުއްވި ނަމަވެސް، އެ ނޯޓިސް ވަނީ ޑިސެމްބަރު 14، 2010 އަށް މުއްދަތު ހަމަވެފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

"އެހެންނަމަވެސް، ޑިސެމްބަރު 15، 2010 ން ފެށިގެން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ކުރިއަށް ގެންދެވިފައި ވަނީ 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ މަސައްކަތްތަކާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވަން ޖެހިވަޑައިގަންނަވާ މުހިންމު ބިލުތަކެއް ނިންމެވުމުގެ މަސައްކަތްތައް ކަމުން، އިއްޒަތްތެރި މެމްބަރު ފޮނުއްވާފައިވާ އިސްވެ ދެންނެވުނު 12 ސުވާލު އެޖެންޑާކުރުމުގެ ފުރުސަތު މަޖިލީހުގެ ގަވާއިދުން ލިބިދީފައެއް ނުވެ އެވެ." ޝާހިދު ވިދާޅުވެފައިވެ އެވެ. އަދި މިއަހަރުގެ ފުރަތަމަ ދައުރުގައި އެ ސުވާލުތައް އަލުން ކުރައްވަން ބޭނުންފުޅުވާ ނަމަ، ސުވާލުތަކުގެ ނޯޓިސް ފޮނުއްވުމަށް ދެންނެވުމުން، ރިޔާޒް އިއްޔެ އެ ނޯޓިސް ފޮނުއްވާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްކުރައްވަމުން ގެންދަވަނީ ޤާނޫނާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށާއި "ބައެއް ހާލަތްތަކުގައި މިކަންކަމުގެ މައްޗަށް ބިނާކޮށް ނިންމަން ޖެހޭ ނިންމުންތަކަކީ އިއްޒަތްތެރި މެމްބަރު އެދިވަޑައިގަންނަވާ ގޮތް ކަމުގައި ނުވުމަކީ ވެސް އެކަށީގެންވާކަމެއް" ކަމަށް ޝާހިދު އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.