އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލްގެ އެންމެ ކުރީގައި އުޅޭ ޗެލްސީ އާއި މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗު އެއްވަރުވި އިރު، ލެއިސެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، މެންޗެސްޓާ ޔުނައިޓަޑް އަނެއްކާ ވެސް ތާވަލްގެ ތިންވަނައަށް ޖެހިލައިފި އެވެ.

ރޭގެ ޗެލްސީ މެޗު އެއްވަރުވި ނަމަވެސް، 53 ޕޮއިންޓާ އެކު ތާވަލް ލީޑު ކުރަމުން ދަނީ އަދިވެސް ޗެލްސީ އެވެ. އަދި ދެވަނަނައިގައި އޮތް ސިޓީ ރޭގެ އެއް ޕޮއިންޓާއެކު ޖުމްލަ 48 ޕޮއިންޓް ހޯދާފައިވާ އިރު، ރޭގެ މެޗުން ތިން ޕޮއިންޓް ހޯދި ޔުނައިޓަށް މިހާރު ވަނީ ސައުތޭމްޕްޓަން ވައްޓާލާ، 43 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ޖެހިލާފަ އެވެ.

ރޭގެ މެޗުގައި ޗެލްސީ ބަލިކޮށް، އެ ޓީމަށް ލިބިފައިވާ ތާވަލްގެ ލީޑު ކުޑަ ކޮށްލަން ހިފައިން ސިޓީ މެޗަށް ނިކުއިން ނަމަވެސް، އެ މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 41 ވަނަ މިނޓުގައި ސަސްޕެންޝަންގައި ހުރި ޑީއޭގޯ ކޯސްޓާގެ ބަދަލުގައި ކުޅެން އެރި ލޮއިކް ރެމީ ކާމިޔާބު ކުރި ލަނޑާ އެކު، މެޗުގެ ލީޑް ނެގީ ޗެލްސީ އެވެ.

މެޗުގައި ފުރަތަމަ ކުރި ހޯދި ޗެލްސީއަށް ލިބުނު ލީޑު ހިފެއްޓުނީ އެންމެ ހަތަރު މިނެޓު އެވެ. ފުރަތަމަ ހާފްގެ އެންމެ ފަހު މިނިޓުގައި ޑޭވިޑް ސިލްވާ ކާމިޔާބު ކުރި ލަނޑާ އެކު، ސިޓީ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފްވެސް ކޮންޓްރޯލް ކުރީ ސިޓީ އެވެ. ނަމަވެސް މެޗު ނިމިގެން ދިޔަ އިރު ދެ ޓީމަށް ވެސް ވަނީ މެޗުގައި ކުރި ހޯދޭ ގޮތް ނުވެފަ އެވެ.

އެ މެޗާ ހިލާފަށް ރޭ ޔުނައިޓަޑާއި ލެއިސެސްޓާ ސިޓީ ބައްދަލުކުރި މެޗު ޔުނައިޓަޑް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓަޑްގެ ތިން ލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފްގަ އެވެ.

ޑޭލީ ބްލައިންޑް ދިން ރީތި ޕާހަކުން ލެއިސެސްޓާގެ ގޯލު ޔުނައިޓަޑަށް ހުޅުވައި ދިނީ އެންމެ ފަހުން އެ ޓީމް ކުޅުނު ފަސް މެޗުގައިވެސް ސްކޯ ކުރި ޔުނައިޓަޑްގެ ރޮބިން ވެން ޕާސީ އެވެ. އަދި އެ ޓީމްގެ ލޯން ކުޅުންތެރިޔާ ރަޑަމެލް ފަލްކާއޯ 32 ވަނަ މިނެޓުގައި ޔުނައިޓަޑްގެ ލީޑު ފުޅާކޮށްލަ ދިންއިރު، ޔުނައިޓަޑްގެ ތިން ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކުރެވުނީ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލެއިސެސްޓާގެ ވެސް މޯގަން އަތުން ބައިކޮޅަށް ވައިން ލަނޑަކުންނެވެ.

މެޗުގައި ލެއިސެސްޓާއަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ދިޔައީ 80 ވަނަ މިނެޓުގައި އެ ޓީމްގެ މާސިން ވެސިލޫސްކީގެ ފަރާތުންނެވެ. ލީގުގެ ފުރަތަމަ ކޮޅު ލެއިސެސްޓާގެ ސްޓޭޑިއަމްގައި ޔުނައިޓަޑާއި ލެއިސެސްޓާ ބައްދަލުކުރި މެޗު 5-3 ގެ ނަތީޖާއަކުން ލެއިސެސްޓާ ކާމިޔާބު ކުރިއިރު، ރޭގެ މެޗުން ފެނިގެން ދިޔަ ޔުނައިޓަޑަކީ އޭރެއާ ވަރަށް ތަފާތު ޓީމެއްކަން ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ޕްރިމިއާ ލީގް ތާވަލްގެ އެއްވަނަ މަގާމަށް ސިޓީ އާއި ޗެލްސީ އަދިވެސް އެންމެ ގާތުން ވާދަކުރަމުން ދާއިރު، އެ ޓީމުތަކުން ފަހަކަށް އައިސް ފެނިގެންދާ ނާކާމިޔާބީތަކުގެ ސަބަބުން ތާވަލްގެ ތިންވަނަ ޔުނައިޓަޑާއި ހަތަރުވަނަ ސައުތޭމްޕްޓަން އަންނަނީ ތާވަލްގައި ފާހަގަ ކުރެވޭ ވަރުގެ ކުރިއެރުން ތަކެއް ހޯދަމުންނެވެ.