01 Feb 2015, 11:54
އެއާއޭޝިއާގެ މަތިންދާބޯޓް ކިއުޒެޑް 8501 ވެއްޓެން މެދުވެރިވި ހާދިސާ ހިނގުމުގެ ކުރިން އެބޯޓްގެ ކެޕްޓަން އިރިޔާންޓޯ އުޅުނީ ގޮނޑިން ތެދުވެގެން އާއްމު އުސޫލާ ހިލާފު ކަމެއްގައި ކަމަށް އެ ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތް އެނގޭ ބަޔަކު ބުނެފި އެވެ.
ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތް އެނގޭ، ނަން ހާމަ ނުކުރާ ބަޔަކު ރޮއިޓާސް އަށް ކިޔައިދިން ކަމަށް އެ އެޖެންސީ އިން ބުނީ މަތިންދާބޯޓް ކޮންޓްރޯލުން ނެއްޓުނީ ފްލައިޓް އޯގްމެންޓޭޝަން ކޮމްޕިއުޓަރު (އެފްއޭސީ) ރިސެޓް ކުރަން ކެޕްޓަން އިރިޔާންޓޯ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކޮމްޕިއުޓަރު ރަނގަޅަށް މަސައްކަތް ނުކުރާތީ ރިސެޓް ކުރުމަށް ޓަކައި އިރިޔާންޓޯ އެ ކޮމްޕިއުޓަރުން ކަރަންޓް ކަނޑައިލި ކަމަށާއި އެއީ އާދަޔާ ހިލާފު ކަމެއް ކަމަށް ވެސް އެމީހުންނާ ހަވާލާދީ ރޮއިޓާސްގެ ހަބަރުގައި ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ ރިސެޓްކުރުމަށް ޓަކައި އެފްއޭސީގެ ސާކެޓް ބްރޭކަރް ވައްޓައިލުމަކީ ހައިރާން ކުރުވަނިވި ކަމެއް ކަމަށާއި އެފްއޭސީ ރިސެޓް ކުރުމަށް ކުރަން ޖެހޭ ކަމަކީ ބަޓަނަކަށް ފިތައިލުން ކަމަށެވެ.

ބޯޓު ވެއްޓުމުގެ ކުރިން އާދަޔާ ހިލާފަށް މައްޗަށް ދަތުރުކުރީ އެވަގުތުކޮޅުގެ ތެރޭގައި ކަމަށާއި ކެޕްޓަން އެނބުރި އައިސް ގޮނޑީގައި އިށީން އިރު ވަގުތު އޮތީ ފާއިތުވެފައި ކަމަށް ވެސް ރޮއިޓާސްއަށް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ.
އެފްއޭސީއަކީ މަތިންދާބޯޓަކަށް ރައްކާތެރި ހުދޫދުތަކުން ބޭރުން ބޯޓު ދުއްވުމަށް ޕައިލޮޓުންނަށް ހުރަސްއަޅާ ނިޒާމެކެވެ. އަދި އެނިޒާމު ނިއްވާލައިފި ނަމަ ބޯޓު އޮޕަރޭޓްކުރަން ޖެހޭނީ މެނުއަލް ކޮށެވެ.
ނަމަވެސް އެއީ ބޯޓު ވެއްޓެން މެދުވެރިވާނެ ސަބަބެއް ނޫން ކަމަށް ރޮއިޓާސްއާ ވާހަކަ ދެއްކި ބައެއް މާހިރުން ބުނެފައިވެ އެވެ.
ހަބަރުގައި ބުނެފައިވާ ގޮތުން މަތިންދާބޯޓު ވެއްޓުމުގެ ކުރިން ވެސް އެ އެފްއޭސީއަށް ޖެހިފައި ހުރި މައްސަލައާ އެކު އެބޯޓް ވަނީ ދަތުރުތައް ކޮށްފަ އެވެ. އަދި އެދަތުރުތައް ކޮށްފައި ވަނީ ވެސް ކެޕްޓަން އިރިޔާންޓޯއެވެ.
ރޮއިޓާސް އަށް ލިބުނު އެ މައުލޫމާތުތަކާ ގުޅިގެން އަދި ކޮމެންޓްކުރަން ބޭނުން ނުވާ ކަމަށް އެއާ އޭޝިއާ އިން ވަނީ ބުނެފަ އެވެ.

ހާދިސާ ތަހުގީގުކުރަމުން އަންނަ ޓީމުގެ ވެރިޔާ މަރުޑްޖޯނޯ ސިސްވޮސްވަރްނޯ މިދިޔަ ހަފުތާގައި ބޭއްވެވި ނޫސްކޮންފަރެންސެއްގައި ވިދާޅުވެފައި ވަނީ މަތިންދާބޯޓް ވެއްޓުނީ ޕައިލޮޓުންނަށް ހެދުނު ގޯހަކުން ކަމަށް ނުވަތަ މަތިންދާބޯޓްގައިވާ ޓެކްނިކަލް މައްސަލައަކުން ކަމަށް ބުނަން އަދި މާ އަވަސް ކަމަށެވެ.
އިންޑޮނޭޝިއާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި އެއާ އޭޝިއާގެ މަތިންދާ ބޯޓް ވެއްޓުނީ 162 މީހުންނާ އެކު އެވެ. އެ ބޯޓުން ދަތުރު ކުރީ ފަޅުވެރިންގެ އިތުރަށް، އިންޑޮނޭޝިޔާގެ 149 ފަސިންޖަރުންނާއި ކޮރެއާގެ ތިން މީހަކާއި އިންގިރޭސި ރައްޔިތަކާއި ސިންގަޕޫރު ރައްޔިތެއްގެ އިތުރަށް މެލޭޝިޔާ ރައްޔިތަކު ކަމަށެވެ.