01 Feb 2015, 11:49
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ޕާސްޕޯޓާ އެކު އޭނާގެ އަނބިކަނބަލުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ނާޒިމްގެ ޕާސްޕޯޓް ހިފެހެއްޓި ރޭ އޭނާގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދުގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.
ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެރެ އެވެ. އެ ދެ ބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އެއް މަސް ދުވަހަށެވެ.
ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު، އެމަނިކުފާނުގެ ގެއިން ނުވަ މިލިމީޓަރުގެ ފިސްތޯލައަކާއި މެގަޒިންގެ އިތުރުން އެހަތިޔާރާ ގުޅޭ ތިންވަޒަނާއި ގޮވާތަކެތި ކަމަށް ބެލެވޭ އިމްޕްރޮވައިސް އެކްސްޕްލޯސިވް ޑިވަސްއަކާއި ޕެންޑްރައިވްއެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނާޒިމްގެ އަނބިކަނބަލުންގެ ގެ، ގ. އެނިފް އަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 3:15 ގަ އެވެ.
ނާޒިމްގެ އެޕާޓްމަންޓުން ނުރައްކާތެރި ހަތިޔާރު ފެނުނު ނަމަވެސް އޭނާ ހައްޔަރުކޮށްފައި ނުވަނީ އެރޭގެ އެވަގުތާއި މީހާގެ ޕްރޮފައިލް އާއި ފެނުނު ސާމާނަށް ބެލުމަށް ފަހު ނާޒިމް ހައްޔަރު ނުކުރުން އެއީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ފެންނާތީ ކަމަށް ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ނާޒިމު ދިރިއުޅުއްވާ އޭނާގެ އަނބިކަނބަލުންގެ ގެއިން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރާ ނާޒިމާ އަދި އޭނާގެ އާއިލާއާ އެއްވެސް ގުޅުމެއް ހުރި އެއްޗެހި ނޫން ކަމަށް ނާޒިމުގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.