01 Feb 2015, 11:42
ވ. ރަކީދޫގައި ޒަހަމުތަކާ އެކު މަރުވެފައި އޮއްވައި މުޙައްމަދު އިބުތިޙާލު ފެނުންތާ ހަތަރު ދުވަހު ފަހުން، ހިއުމަން ރައިޓުސް ކޮމިޝަން (އެޗްއާރްސީއެމް) އިން އެ ރަށަށް ހިނގައްޖެ އެވެ.
ރަކީދޫ ކައުންސިލްގެ އިސް ވެރިޔަކު މިއަދު ސަން އަށް ވިދާޅުވި ގޮތުގައި އެޗްއާރްސީއެމް އިން އެ ރަށަށް މިއަދު ގޮސްފައި ވަނީ ހެނދުނު 9:30 އެހާކަންހާއިރު ކަމަށެވެ. އެޓީމުން އެ ރަށަށް ގޮސް އިބުތިހާލުގެ މަރާ ގުޅިގެން ކައުންސިލާއި ރަށު މީހުންގެ އިތުރުން ސިއްހީ މަރުކަޒުގެ އިސްފަރާތްތަކާއި މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އެބޭފުޅުން މިރަށަށް އައި ފުރަތަމަ ފަހަރު މިއީ. މިއަދު ހަވީރު އެބޭފުޅުން ފުރަން ހަމަޖެހިފައި ވަނީ،" ކައުންސިލުން މައުލޫމާތު ދެއްވި ފަރާތުން ބުންޏެވެ.
އެކަމާ ގުޅިގެން އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެންވެސް އެކޮމިޝަނުން އެމައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށާއި ޓީމެއް އެރަށަށް ދިޔައީ އިތުރު މައުލޫމާތު ހޯދުމަށްކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސް އަހްމަދު ތޮލާލު ކުރިން ވިދާޅުވި ގޮތުގައި ތިން އަހަރުގެ ކުޑަކުއްޖެއް އަނިޔާކޮށް މަރާލާފައިވާ އިރު، ކަމާ ބެހޭ މުއައްސަސާތަކަށް އެ ކުއްޖާ ދިރިއުޅެމުން ދިޔައީ ރައްކާތެރި މާހައުލެއްގައި ނޫންކަން އެނގޭ އިރު، ކަމާ ބެހޭ މުއައްސަސާތައް ވެސް ކުއްޖާގެ މަރުގައި ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އެޗްއާރްސީއެމް އިން ރަކީދޫގައި ހަަރަކާތްތެރިވަމުންދާ އިރު އިބްތިލާހުގެ މަންމަ، އާފިޔާ މުހައްމަދު އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ރަކީދޫގަ އެވެ.
އާފިޔާ މަރާލި ކަމަށް ބުނާ އިބްތިލާހަކީ އޭނާގެ ތިން ދަރީންގެ ތެރެއިމް އެންމެ ދޮށީ ދަރި އެވެ. އިބްތިލާހު މަރުވެފައި އޮއްވައި މިދިޔަ ބުދަ ދުވަހުގެ މެންދުރު ފެނިފައި ވަނީ ސީރިއަސް ޒަހަމްތަކަކާއެކުގަ އެވެ. އެގޮތުން އިބްތިލާހުގެ ކުރިމަތިފަރާތަށާއި އޭނާގެ ކަންފަތުން ޒަހަމްތަކެއް ފެންނަން ހުއްޓެވެ.