01 Feb 2015, 11:33
އއ. ރަސްދޫގައި އަންދާ ކުނިން އަރާ ދުމުގެ ސަބަބުން އުނދަގޫވުމާ ގުޅިގެން ކުނި އެންދުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބުދުލް ޖަލީލް މޫސާ މިއަދު ސަން އަށް ވިދާޅުވީ އެ ރަށުގައި ކުނިނައްތާލާނެ ނިޒާމެއް ނުހުންނާތީ ކޮންމެ ދުވަހަކު ވެސް ކުނި ނައްތާލަނީ ކުނިގޮނޑަށް ގެންގޮސް އަންދައިގެން ކަމަށެވެ. ނަމަވެސް މިދުވަސްކޮޅު އިރުމަތީ ފަރާތުން ވައިޖެހޭތީ ކުނިގޮނޑުގައި އަންދާ ކުނީގެ ދުމާއި ވަސް ދަނީ ރަށުތެރެއަށް ކަމަށެވެ.

އއ.ރަސްދޫ ކުނިކޮށި ---
ރަސްދުއަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށެކެވެ. އެ ރަށުގައި 12 ވަރަކަށް ގެސްޓް ހައުސް ހުރެ އެވެ.ކައުންސިލުން ބުނީ ރަށު ތެރެއަށް ދުމުގެ އަސަރު ކުރާތީ ގެސްޓުހައުސްތަކުގެ ވެރިން މައްސަލަ ޖެއްސުމާ ގުޅިގެން ކުނި އެންދުން ވަގުތީ ގޮތުން ހުޅަނގު ފަރާތަށް ބަދަލު ކުރީ ކަމަށެވެ. ނަމަވެސް ހުޅަނގު ފަރާތަށް ބަދަލުކޮށް ކުނި އަންދަން ފެށުމުން ދުމުގެ އަސަރު ކުރާތީ ކުރަމަތި ރިސޯޓުން ފުލުހުންނަށާއި ކައުންސިލަށް އެމައްސަލަ ހުށަހެޅި ކަމަށެވެ.
"މިރަށުގައި ކުނި އެންދުމުގައި އިސްކޮށްއުޅެނީ ޒުވާނުންނާއި ގެސްޓު ހައުސް ހިންގާ ފަރާތްތައް. އެމީހުން ކުނި އެންދުން ހުއްޓާނުލައިގެން ކުރަމަތި ރިސޯޓުން މައްސަލަ ޖެއްސީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކައުންސިލަރު ޖަލީލް ވިދާޅުވީ އެމައްސަލަ ޖެހުމާ ގުޅިގެން ސަރުކާރުން އެކަމުގައި ވަކިގޮތެއް އަންގަންދެން ކުނި އެންދުން މިހާރު ވަގުތީ ގޮތުން މާދަމައާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ.

އއ.ރަސްދޫ ކުނިކޮށި ---
އޭނާ ވިދާޅުވީ ރަސްދުއަކީ ޓޫރިސްޓުން ގިނަ އަދަދަކަށް އައިސް އުޅޭ ރަށަކަށްވާތީ، ރަށުތެރެ އަބަދުވެސް ސާފުކޮށް ކުނިކަހާ ކަމަށެވެ. އަދި ކުނި ނައްތާލުމަށް ބޭނުން ކުރަނީ ވެސް ކައުންސިލުން އަމިއްލަ އަށް ހަދާފައި ހުރި ކުނިގޮނޑެއްގައި ކަމަށެވެ.