01 Feb 2015, 10:36
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީ އިން ދެމުން އަންނަ ދަތުރުފަތުގެ ހިދުމަތުން އެކުންފުންޏަށް މިދިޔަ އަހަރު 42 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު ސަން އަށް ވިދާޅުވީ އެކުންފުނިން ދަތުރުފަތުގެ ހިދުމަތް ދެމުންދަނީ ބޮޑު ގޮންޖެހުމަކާ އެކު ކަމަށާއި އެގޮތުން މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް އެ ދާއިރާ އިން 42 މިލިއަން ރުފިޔާގެ ގެއްލުމެއްވި ކަމަށެވެ. ދަތުރުފަތުގެ ދާއިރާ އިން އެންމެ ބޮޑު ގެއްލުމެއްވަމުންދާ ހުޅުމާލެ ފެރީ ދަތުރުތަކުން މަހަކު 1.5 މިލިއަން ރުފިޔާގެ ގެއްލުމެއްވި ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ހުޅުމާލެ އާއި މާލެއާ ދެމެދު އަހަރަކު ހަތް މިލިއަނަށް ވުރެ ގިނަ ޓިކެޓުވިއްކައި މީހުން އުފުލަމުން އަންނަ ކަމަށެވެ.
ހަލީމް ވިދާޅުވީ އެ ދާއިރާ އިން ބޮޑު ގެއްލުން ފޫބެއްދުމަށް ސަރުކާރުން ސަބްސިޑީ ދެމުން އަންނަ ކަމަށެވެ. ހަމައެހެންމެ އެމްޓީސީސީ އަށް ދީފައިވާ ބިންތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ވަރަށް އަވަހަށް ވިލިމާލެ ޓާމިނަލް ސަރަހައްދުގެ މަޝްރޫއު ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގެއްލުންވި ނަމަވެސް އެކުންފުނިން ދަނީ ހިދުމަތުގެ އަގަށް ބަދަލެއް ނުގެނެސް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން 1997ގައި ފެރީގެ ޓިކެޓަކަށް ނަގަމުން އައި އަގު އަދިވެސް ނަގަމުން އަންއިރު މިއަދު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށް ހަލީލު ވިދާޅުވި އެވެ.
ހަލީމްހަ ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 80 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ ކުންފުނީގެ 34 އަހަރުގެ ތާރީހުގައި ހޯދިފައި ނުވާ ވަރުގެ ކާމިޔާބީއެއް ކަަމަށް އޭނާ ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ދާއިރާ އިން އެކުންފުންޏަށް ގެއްލުން ވަމުން އަންނަ އިރު އެމްޓީސީސީ އާއި އެޗްޑީސީ އަދި އެމްޕީއެލް ގުޅިގެން ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް އުފެއްދުމަށް މިހާރު ވަނީ ނިންމައިފަ އެވެ.