ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދަށާއިި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވާދަ ނުކުރެވޭ ގޮތަށް ރިޔާސީ އިންތިހާބެއް ނުބޭއްވޭނެ ކަމަށާއި އެކަން އެގޮތަށް ސަރުކާރުން ވިސްނާ ނަމަ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ރޭ މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށާއި ގާސިމަށް ވާދަ ނުކުރެވޭ ގޮތަށް ރިޔާސީ އިންތިހާބު ބޭއްވުމަށް މަޖިލިސް ތެރެއިންނާއި ކޯޓުތަކުގެ ތެރެއިން "ކުޅިގަނޑު ކުޅުމުގެ ފުރުސަތު" ނުދެއްވާނެ ކަމަށެވެ.

"ވަރަށް ސާފުކޮށް މިދަންނަވަނީ ކޯޓު މެދުވެރިކޮށް ކުރައްވަން ތިޔަ އުޅުއްވާ ކަންތައް ވެސް އަދި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ތިޔަ ކުރައްވަން އުޅުއްވާ ކަންތައް ވެސް ތިބޭފުޅާއަކަށް ނުކުރެއްވޭނެ. ދިވެހި ރާއްޖޭގައި ގާސިމް އިބްރާހިމާއި މުހައްމަދު ނަޝީާދުއާ ނުވަތަ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ނުލާ ރިޔާސީ އިންތިހާބެއް ނުބޭއްވޭނެ،" އަލީ ވަހީދުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ މާއްދާތައް "ހިތު ހުރި ގޮތަކަށް" ކުޅުމަށް ފުރުސަތު އެމްޑީޕީ އިން ނުދޭނެ ކަމަށާއި ދިވެހި ރައްޔިތުން ވެސް އެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

"ރައްޔިތުން ވިސްނަން ޖެހޭނެ އެއްވެސް ވެރިޔަކު ހުދުމުހުތާރު ކަމުގެ ފިޔަފަޅައިގެން މުޅި ދިވެހި ރާއްޖޭގެ މުސްތަގުބަލު ބަނަވާ ފަދަ ގޯސް އަމަލެއް ހިންގުމުގެ ޖާގަ ރާއްޖޭގެ އެއްވެސް ރައްޔިތަކު ދީގެން ނުވާނެ." އޭނާ ވިދާޅުވި އެވެ.