މޯލްޑިވްސް ޕޮލިސް ސާވިސްގެ އެކި ޑިޕާޓްމަންޓުތަކުގެ އިސް ބޭފުޅުންނަށް އާ ގާނޫނުލް އުގޫބާތަށް އަހުލުވެރިކުރުވުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމެއް ހިންގައިފި އެވެ. ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައި ތަމްރީނު ދީފައިވާ ފުލުހުންނަކީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި މޫސާ އަލީ އާއި ހަމްދޫން ރަޝީދު އާއި އަހްމަދު ޝިފާނު އާއި ހުސައިން ރަޝީދުގެ އިތުރުން ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ބަޝީރެވެ. އެބޭފުޅުންނާ އެކު އެޓާނީ ޖެނެރަލް އޮފީހިގެ ވަކީލުންނާއި އެހެނިހެން ބައެއް މުވައްޒަފުންނަށް ވެސް ވަނީ ތަމްރީނުދީފަ އެވެ. އެބޭފުޅުންނަށް ތަމްރީނުދެއްވީ އެޓާނީ ޖެނެރަލް އޮފީހުގެ ލީގަލް ސެކްޓާ ރިސޯސަސް ސެންޓަރުގެ ކޮންސަލްޓެންޓް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ. އިއްޔެ ސޯލްޓު ރެސްޓޯރަންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ތަމްރީނު ފުރިހަމަ ކުރިކަމުގެ ލިޔުން އެބޭފުޅުންނަށް ހަވާލުކޮށްދެއްވީ އެޓާނީ ޖެނެރަލް އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީ ސުލްތާނާ ޝާކިރުއެވެ. އެ ރައްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާނޫނުލް އުގޫބާތަށް މީހުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގާ ޓީމްގައި ހަރަކާތްތެރިވާ ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އާމިނަތު އަރީޖު ހުސައިން ވިދާޅުވީ ގާނޫނުލް އުގޫބާތަށް އެކިފަރާތްތައް އަހުލުވެރިކުރުވުމުގެ ގޮތުން 140 ބޭފުޅުންނަށް ތިން ދުވަހުގެ ޓްރޭނިންގް ޕްރޮގްރާމްތަކެއް މިހާތަނަށް ވަނީ ހިންގާފައި ކަމަށެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އާމިނަތު އަރީޖު ހުސައިން ނޫސްވެރިންނަށް މައުލޫމާތު ދެނީ-- ސަން ފޮޓޯ/ ފަޔާޒް މޫސް

"މިހާރު ހަމަޖެހިފައި ވަނީ ތަފާތު އެކި ވައްތަރުގެ ޓްރޭނިންގް ޕްރޮގްރާމްތަކެއް ހިންގުމަށް. އެގޮތުން ދެގަޑިއިރުގެ ޓްރޭނިންގް ޕްރޮގްރާމްތަކަކާއި އެއް ދުވަހުގެ ޓްރޭނިންގް ޕްރޮގްރާމްތަކާއި ތިން ދުވަހުގެ ޓްރޭނިންގް ޕްރޮގްރާމްތައް ހިންގަން ވަނީ ހަމަޖެހިފައި. މިހާތަނަށް 140 ބޭފުޅުން ތަމްރީނުކޮށްފައިވާނެ ތިން ދުވަހުގެ ޓްރޭނިންގް ޕްރޮގްރާމްގެ ދަށުން،" އީރާޖު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިދިޔަ ހަފްތާގައި އައްޑޫ ސިޓީގައި ޓްރޭނިންގް ޕްރޮގްރާމްތަކެއް ބާއްވައި 42 ބޭފުޅަކު ތަމްރީނުކޮށްފައިވާ ކަމަށެވެ. އެބޭފުޅުންގެ ތެރޭގައި ހިމެނެނީ ފުލުހުންނާއި އައްޑޫ ސިޓީގައި މަސައްކަތް ކުރައްވާ ޕީޖީ އޮފީހުގެ ވަކީލުންނެވެ. މާދަމާ އިން ފެށިގެން ބ. އޭދަފުއްޓާއި ގދ. ތިނަދޫ އާއި ލ. އަތޮޅާއި ހދ. ކުޅުދުފުށީގެ އިތުރުން ދ. ކުޑަހުވަދޫގައި ތަމްރީނު ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ތަހުގީގީ އެކި އިދާރާތައް ކަމުގައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ އިދާރާތަކަށް ވެސް ތަމްރީނު ޕްރޮގްރާމްތައް ހިންގަން ހަމަޖެހިފައިވާ ކަމަށް ވެސް އީރާޖު ވިދާޅުވި އެވެ.

އިއްޔެ ސޯލްޓު ރެސްޓޯރަންޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒް މޫސަ

އޭނާ ވިދާޅުވީ ގާނޫނުލް އުގޫބާތާ ބެހޭ ތަމްރީނު ޕްރޮގްރާމް މިހާތަނަށް ހިންގާފައިނުވާ ފަރާތްތަކުގެ ތެރޭގައި ފަނޑިޔާރުން ހިމެނޭ ކަމަށެވެ. އަދި ގާނޫނުލް އުގޫބާތާ ތައާރަޒުވާ ގާނޫނުތަކުގެ ލިސްޓެއް އެކުލަވާލުމަށް މިހާރު ކުރަމުން އަންނަ މަސައްކަތް ނިންމައި އެންމެ ލަސްވެގެން ވެސް މާޗް މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.