10 Feb 2011, 15:33
މިދިއަ ދެ މަސް ދުވަހު މާލޭގައި ބޮޑެތި ވައްކަންކުރި އަށް މީހަކު ފުލުހުން މިއަދު ހާމަކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ޕްރޮޕަޓީ އެންޑް ކޮމާޝަލް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް، ޗީފް އިންސްޕެކްޓާ މުހަންމަދު ޖަމްޝީދު މިއަދު ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ، މާފަނުންގައި ހުންނަ އޮފީހެއް ފަޅާލައި، އެތަނުން ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގާފައިވާކަމަށާއި އެ މައްސަލައިގައި ހައްޔަރު ކުރީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މ. ނޫރުއްސަބާހް އަބްދުލް ވާސިއު މުހައްމަދު، 22، ކަމަށެވެ.
މިދިއަ ދެމަހުގެ ބޮޑެތި ވައްކަންތަކާބެހޭ ގޮތުން ޖަމްޝީދު އިތުރަށް ވިދާޅުވީ ޑިސެމްބަރު 26، 2010 ވަނަ ދުވަހުގެ ރޭ ހެންވޭރުގެ ގެއަކުން ހަ ލައްކަ ރުފިޔާ އާއި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިހެން ނ. މާފަރު ވައިމަތީގޭ އަލީ ރިއުޝާން، 25، ހައްޔަރުކުރި އިރު، އޭނާއަކީ ހަ އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެއްކަމަށް ވެސް ވިދާޅުވި އެވެ.
ރިއުޝާން މާފަރުގައި ހުއްޓައި ފުލުހުން ހައްޔަރުކޮށް ފާސް ކުރި އިރު އޭނާގެ އަތުން، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވެ އެވެ. ހަމަ އެ މައްސަލައިގައި މީގެ ކުރިން ތަފާތު މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ޅ. ނައިފަރު ޒައިތޫނިގޭ އާސިފާ ޒަރީނާ، 22، އާއި ގ. ލައިޓްނިން ވިލާ، މުސްތަފާ އާދަމް، 34 ވެސް ފުލުހުން ހައްޔަރުކުރި އެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ރޭ މަޖީދީ މަގުގެ ފިހާރައެއް ވެސް ވަނީ ފަޅައިލާފަ އެވެ. ފުލުހުން ނަން ބުނެފައި ނުވާ އެ ފިހާރައިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެން ދެ މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ މއ. އީޒީރެސްޓް މުހައްމަދު އަޔާޒު، 31، އާއި ގ. ނިއުމޫން އިބްރާހިމް ޝިފާޒް، 32، އެވެ. ފުލުހުން ބުނާ ގޮތުން މި ދެ މީހުންނަކީވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ މީހުނެވެ.
މީގެ އިތުރުން 20 އަހަރަށް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު މިދިއަ މަހު 26 ވަނަ ދުވަހު ހުޅުމާލޭ ފްލެޓަކުން ވައްކަންކޮށްފައި ވެއެވެ. ފުލުހުން ބުނީ އެ ވައްކަންކޮށްފައި ވަނީ އއ. އުކުޅަސް ފަތަނގުމާގޭ ޖައުފަރު އަބްދުﷲ، 29، ކަމަށެވެ.
ދެން ވައްކަންކޮށްފައި ވަނީ ހެންވޭރުގެއަކުންނެވެ. ނަން ހާމަކޮށްފައިވާ ނުވާ އެގެއިން 53،000ރ. އަގުހުރި ގުރާތަކަކާއި އެހެނިހެންތަކެތި ވަގައްނަގައިގެން ހައްޔަރުކުރީ ރ. ކަނދޮޅުދޫ ދެކުނުގޭ، މުހައްމަދު ނިޝާން 20، އަދި މ. އޮއިދުނި ރިލުވާނު ވަހީދެވެ.
ވޭޭތުވެ ދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ކުރި ބޮޑެތި ވައްކަން ތަކުގައި ޖަލުހުކުމް ތަންފީޒުކުރަމުން އަންނަ 17 މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފާއިތުވި ދެ މަހެއްހާ ދުވަހު ކޮށްފައިވާ ބޮޑެތި ވައްކަމުގެ މައްސަލަތަކުގެ މައުލޫމާތު ދިނުމަށް ފުލުހުންގެ މައި އިދާރާގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފުލުހުންގެ ޕްރޮޕަޓީ އެންޑް ކޮމާޝަލް ކްރައިމް ޑިޕާޓްމަންޓްގެ ވެރިޔާ، އިންސްޕެކްޓާ އޮފް ޕޮލިސް މުހަންމަދު ޖަމްޝީދު ވިދާޅުވީ އެކި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ 17 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން 10 މީހަކު މިހާރު ޑީޕީއާރްއެސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި ވިދާޅުވީ އޭގެ ތެރޭގައި އުމުރަށް ޖަލަށްލުމުން، އެ ހުކުމް ތަންފީޒު ކުރާ މީހުން ވެސް ހިމެނޭ ކަމަށެވެ.
"މި މީހުން މިއުޅެނީ މާލެ ތެރެއަށް ދޫވެގެން އެކި ނަންނަމުގައި. އާންމު ގޮތެއްގައި ބޭސްފަރުވާއަށް އާއިލާއާ ގާތަށް ގެނެސްފަ ތިބޭ މީހުން މި އުޅެނީ. މީގެ ތެރެއިން ބައެއް މީހުން އެބައުޅޭ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ މީހުންވެސް. އެމީހުންގެ އުމުރު މި އުޅެނީ 20 އަހަރާއި 25 އަހަރާ ދެމެދުގަ،" ޖަމްޝީދު ވިދާޅުވި އެވެ.