01 Feb 2015, 09:46
ދ. ކުޑަހުވަދޫ، ހިރިނާދޫ، އަބްދުﷲ މާއީލް، 24، ގެއްލުނީ ށ. ފިރުބައިދޫ އިންނެވެ. ކުރިން މީހުން ދިރިއުޅުނު އެ ރަށުން މާއިލް ގެއްލުނީ މިދިޔަ އަންގާރަ ދުވަހު އެވެ. ދެހާސްހަތަރު ވަނަ އަހަރު މީހުން ބޭލި އެ ރަށުގައި މިހާރު ދަނޑުވެރިކަން ކުރެ އެވެ. މާއީލް އެ ރަށުން ގެއްލުމުގެ ކުރިން "ފަހު ވަގުތު" ހޭދަ ކުރީ އެ ރަށުގައި މަސައްކަތް ކުރާ ދަނޑުވެރިޔާ ށ. ފުނަދޫ، ހަސަން އަލީ (ހަސަންބެ)، 62،އާ އެކު އެވެ.
އެ ރަށުގައި ކައްކައި އަދި ރަށުގެ ނަމާދު ގޭގައި ބަންގި ގޮވަނީ ވެސް ހަސަންބެ އެވެ. މާއީލް ގެއްލުމުގެ ކުރިން ހިނގައި ދިޔަ ކަންތައްތަކެއް ހަސަންބެ "ސަން"އާ ހިއްސާ ކުރި އެވެ. އާދަޔާ ހިލާފު ކަންތައްތަކެއް އޭނާގެ ފަރާތުން ފެނުނު ކަމަށް ހަސަންބެ ބުންޏެވެ. ކުއްލި ސިހުން ގެނުވާފަދަ ކަންތައްތަކެކެވެ. ހަސަންބެ އެ ވާހަކަތަކުގެ ތަފްސީލަށް ދިއުމުގެ ކުރިން މާއީލް ފިރުބައިދު އަށް ދާންޖެހުނު ގޮތް ކިޔައިދޭނަމެވެ.

މާއިލް އޭނާގެ ބައެއް އާއިލާ މެމްބަރުންނާއެކި ނަގާފައިވާ ފޮޓޯއެއް--
ބައްޕަ އާއި މަންމަގެ ކައިވެނި މާއީލްގެ އުމުރުން ހަތް އަހަރުގައި ރޫޅުނެވެ. އޭނާގެ ބައްޕަ ކުޑަހުވަދޫ އެވެ. އަދި މަންމަ ށ. ޅައިމަގެވެ. އޭނާ އުޅެ ބޮޑުވީ ދޮންމަންމަ ގާތު ކުޑަހުވަދޫގަ އެވެ. ދޮންމަންމަ ގާތުގައި އުޅެ ބޮޑުވިޔަސް އޭނާގެ އުފަން މަންމަ ދެކެ އިންތިހާއަށް ލޯބިވެ އެވެ. މަންމައާ އޮންނަ ގުޅުން ވެސް ރަނގަޅެވެ. ބައްޕައަކީ މިހާރު ރިސޯޓެއްގެ ކައްކާއެކެވެ.
މާއީލަކީ ރޭޑިއޮލަޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ޒުވާނެކެވެ. އިންޑިއާއިން ކިޔަވައިގެން ރާއްޖެ އައިސް ސިއްހީ ދާއިރާގައި ދުވަސްކޮޅަކު ވަޒީފާ އަދާ ކުރި އެވެ. ނަމަވެސް އޭނާ އެ މަސައްކަތް ދެކެ ފޫހިވެގެން، ރިސޯޓު ވަޒީފާއަކަށް ނުކުތެވެ. ޗުއްޓީއެއް ނަގައިގެން މިދިޔަ ޑިސެމްބަރު މަހު މާއީލް ޅައިމަގަށް ދިޔަ އެވެ. މާލޭގައި ދިރިއުޅެމުން ދިޔަ މަންމަ ވެސް ގޮވައިގެންނެވެ. އެއީ އޭނާގެ މަންމަގެ އުފަން ރަށެވެ. ޗުއްޓީއަށް ފަހު މަންމައާ އެކު އެނބުރި މާލެ އައިސް ރިސޯޓު ވަޒީފާ ވެސް ދޫކޮށްލި އެވެ.
އަނެއްކާ ވެސް ޅައި މަގަށް މާއީލް ގޮސް ވަޒީފާއެއް ހޯދި އެވެ. އެއީ ފަޅު ރަށެއް ކަމަށްވާ ފިރުބައިދުއަށް މަސައްކަތު ދިއުމެވެ. އެ ރަށުގެ ޖަނަރޭޓަރު މަރާމާތު ކޮށްލުމުގެ ވަޒީފާ އެވެ. ފިރުބައިދޫގެ މަސައްކަތަށް މާއީލް ދިޔައީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ރަށަށް އޭނާ ދިޔައީ ހަނދާންނެތި ފޯނު ނުލައި ކަމަށްވެ އެވެ. އެ ރަށަށް ދިޔަ ދުވަހު އެ ރަށުން ހަސަންބެއާ ދިމާވި އެވެ. އަދި އެ ރަށުގެ ވެރިފަރާތް، ޝުކޫރު ވެސް އެ ރަށުގައި އުޅެ އެވެ. ޖެހިގެން އައި ދުވަހު ޝުކޫރު ވެސް އެ ރަށުން ފުރި އެވެ. ދެން އެ ރަށުގައި ތިބީ މާއީލް އާއި ހަސަންބެ އެކަންޏެވެ.
މާއީލަށް ވީނުވީއެއް ނޭނގިގެން ހޯދަން ފަށާފައި މި ވަނީ އެ ދެ މީހުން އެކަނި އެ ރަށުގައި ތިބޭތާ އެއް ދުވަސްވީ ފަހުންނެވެ. ހަސަންބެ ބުނި ގޮތުގައި މާއީލްގެ ގެއްލުނު ދުވަހު އޭނާ ބޮލުގައި ރިއްސާތީ އުޅުނު ކަމަށެވެ. އަދި އޭގެ ފަހުން އޭނާގެ ފަރާތުން އާދަޔާ ހިލާފު ކަންތައްތަކެއް ފެންނަ ފެށި ކަމަށެވެ. ހަސަންބެގެ ވާހަކަ: ހަސަންބެ ސިފަކުރާ ގޮތުގައި މާއީލަކީ "ވަރަށް، ވަރަށް ރަނގަޅު ކުއްޖެ"ކެވެ. ވަގުތު ޖެހުމުން ނަމާދަށް އަރަ އެވެ. ބުނާ ގޮތް ހަދާނެ އެވެ. ނަމަވެސް މާއީލް ގެއްލުނު ދުވަހު އޭނާ މުޅިން އުޅުނީ "ސަޖިދައިގަ" ކަމަށް ހަސަންބެ ބުންޏެވެ.އެ އަމަލު ފެންނަން ފެށީ އޭނާ ބޮލަށް ތަދުވެގެން އުޅޭ ވާހަކަ ބުނި ފަހުން ކަމަށް ހަސަންބެ ބުންޏެވެ.
"އޭނަ ބުނި ބޮލަށް ގޮތެއް ވަނިއްޔޭ. ދެން ބުނެފިން ދާށޭ އޮށޯންނަން. ބުނީމަ ގޮސްފި. ދެން [މެންދުރު ފަހު] 1:00 ޖެހީމަ ގޮވައިފިން. އޭރު އައިސް ހަމަ މޫނަށް ބަލަހައްޓައިގެން ހުންނަނީ، އަނގަޔަކުން ނުބުނޭ، އަނެއްކާ މަ ބުނެފިން ދާށޭ އޮށޯންނަން، ބުނީމަ އަނެއްކާ ވެސް ގޮސްފި،" ހަސަންބެ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދެން ފެނިގެން ދިޔައީ ހުއްޓުމެއް ނެތި މާއީލް ސަޖިދަ ޖެހިތަނެވެ. "ތިޔަ ކުރަނީ ކީއްހޭ" އެހުމުން ޖަވާބެއް ވެސް ނުދެ އެވެ. ހައިރާން ކަމެއް ލިބުނީ ދުވާ ކުރަން އަތް ނަގައިގެން "އިނދެވޭ ހާލަތާ މެދު ވެސް" ފިކުރު ކުރުމެެއް ނެތި ސަޖިދަ ކުރަމުން ދިޔުމުންނެވެ.
"އޮށޯވެ އޮވެފައި އަނެއްކާ ތެދުވެއްޖެ 2 ޖަހާކަންހާއިރު ބަލާލި އިރު އޮތް ދެކުނަށް އެނބުރި ސަޖިދަ ޖަހައިގެން، ދެން ސަޖިދައިން ތެދުވެ ދުވާ ކުރާ، މުޅިން އަޅުކަމުގައި އުޅުނީ. ދެން އެހެން އައިސް 2:30 ކަންހާއިރު އޮބިނޯވެގެން އުޅެނީ ހަމަ ސަޖިދަ ޖަހަނީ، ހަމައެކަނި ސަޖިދަ ޖަހަނީ، ....އޮވެ ވެސް ސަޖިދަ ކުރަނީ،" ހަސަންބެ ބުންޏެވެ.
އާދަޔާ ހިލާފު ކަންތައްތަކަށް ފަހު މާއީލް އެނބުރި އައީ ހަސަންބެ ކައްކަން ހުރި ތަނަށެވެ. އެތަނަށް އައިސް ވެސް ސަޖިދަ ކުރި ކަމަށް ހަސަންބެ ބުންޏެވެ. އެއަށް ފަހު "ކެކި ކެކި ހުރި ބަތް އެއްޗަށް އަތް ކޮށްޕާލި" ކަމަށް ހަސަންބެ ބުންޏެވެ. އެ ހިސާބުން ހަސަންބެ އޭނާ ހުއްޓުވި އެވެ. އަދި އޮށޯތުމަށް ދާން ބުނެ، ނަސޭހަތް ދިނެވެ އެވެ. އޭރު ވެސް އަނގަޔަކުން ނުބުނެ އެވެ. އަސުރަށް ފަހު ހަސަންބެ ދިޔައީ އެ ރަށަށް އެއްޗެހި ހިފައިގެން އައި ދޯންޏަކުން އެއްޗެހި ބޭލުމަށެވެ.
މާއީލްގެ ވާހަކަތައް ދޯނީގެ މީހުންގެ ކައިރީގައި ބުމުނުން މާކަ ބޮޑު ސަމާލު ކަމެއް އެ ދޯނީގެ މީހުން ނުދޭ ކަމަށް ހަސަންބެ ބުންޏެވެ. މުދާ ބޭލުމަށް ފަހު ދޯނި ފުރައިގެން ދިޔައީ އެވެ. ހަސަންބެ އަތިރި މަތީގައި ހުއްޓައި މާއީލް ދަބަހެއް ހިފައިގެން ނުކުތްތަން ފެނު ކަމަށް ހަސަންބެ ބުންޏެވެ. އޭނާ އަށް ހައިރާންކަން ލިބުނެވެ. ސަބަބަކީ މާއީލް ފޯނެއް ނުގެންގުޅޭ އިރު އޭނާ ފުރަން ކުއްލިއަކަށް ނުކުތީމަ އެވެ.
މިއީ މާއީލް ގެއްލުމުގެ ކުރިން ހަސަންބެއަށް ފެނުނު އެންމެ ފަހު ފަހަރެވެ. އޭރު ގަޑިން ހަވީރު 4:45ވީ އެވެ. "އެތަނުގައި އަށްޓެއްގައި އިށީންދެއްޖެ، ދެން އަހަރެން ފޯނުކޮށްގެން އެއްގަމު ފަރާތަށް އެނބުރުނީ، އޭނަ ހުރީ ގޮނޑު ދޮށަށް އެނބުރި، އަހަރެން ގާތްގަނޑަކަށް ދެ މިނިޓެއްހާއިރު ކުރިން، ހުރެފައި ދެން [ފަހަތަށް] ބަލާލި އިރު އޭނާއެއް ނެތް. ދަބަސް ހުރި. ދެން އަހަރެން ހީކުރީ އަތިރިއަކަށް ދިޔައީ [ބޮޑުކަމުދިއުމަށް ދިޔައީ] ކަމަށް. އެހެން ހީކޮށް އެ ވަގުތު ނުދިޔައީ. ދެން އަހަރެން އައީ ގެއަށް،" ހަސަންބެ ބުންޏެވެ.

ފިރުބައިދޫ--
މާއީލްގެ ހަބަރެއް ނެތިގެން ދެން ހަސަންބެ ގެއިން ނުކުތީ 5:45 ކަންހާއިރު އެވެ. އޭރު މާއީލްގެ ހަބަރެއް ދަބަރެއް ވެސް ނެތެވެ. ހިނގާ ބިނގާވެ އުޅުމުގައި ދަތިތަކެއް ހުންނަ ކަމަށް ބުނާ ހަސަންބެ މުޅި ރަށް ބަލައި ގެންވެސް މާއީލެއް ނުފެނުވެ. ފެންނަން ހުރީ ގޮނޑުދޮށާއި ދިމާލަށް މާއީލް ހިނގާފައި ހުރި ފިޔަވަޅުތަކެކެވެ. އޭގެ ފަހުން އޭނާގެ ހިލަމެއް ނެތެވެ.
އެހެންވެ ފުލުހުންނަށާއި އެ ރަށުގެ ވެރިންނަށް ގުޅައި އެ ހަބަރު ދިން ކަމަށް ހަސަންބެ ބުންޏެވެ. މާއީލަކީ ކޮން އާއިލާއެއްގެ ކާކު ކަމެއް ނޭނގޭ ކަމަށާއި، ކަމެއް ދިމާވުމުން އާއިލާއިން ގުޅާނެ މީހެއް ވެސް ނޭނގެ ކަމަށް ހަސަންބެ ބުންޏެވެ. ނަމަވެސް އާއިލާއިން ބުނާ ވާހަކައާއި ހަސަންބެގެ ވާހަކައާއި ކުޑަ ފުށުއެރުމެއް އުޅެއެވެ.
މާއީލްގެ ބައްޕަ މުހައްމަދު އާރިފް، 48، "ސަން" އަށް ބުނީ މާއީލް ގެއްލިގެން އުޅޭ ކަމަށް ލިބުނު ހަބަރާ އެކު އޭނާގެ ބޭބެއަކު އެ ރަށަށް ޑިންގީއެއްގައި ދިޔަ ކަމަށެވެ. އިރުއޮއްސެން ކައިރިވެފައި ވަނިކޮށް މާއީލްގެ ބޭބެ އެ ރަށަށް ދިޔައިރު އެ ރަށުގައި ހުރީ ހަސަންބެ އެކަންޏެވެ. އެރަށަށް އޭނާ ބޭބެ ދިޔައިރު މާއީލް އެރަށުގައި ހުރިކަމަށް ހަސަންބެ ބުނިކަމަށް ބައްޕަ ބުނާއިރު ހަސަންބެ ބުނަނީ އެހެން ނުބުނާ ކަމަށެވެ.
"އޭނަ [ހަސަންބެ] ގުޅިތާ ބައިގަޑިއިރު ތެރޭގައި [މާއީލްގެ] ބޭބެ ހިނގައްޖެ އެ ރަށަށް. ދިޔަ އިރު ޑިންގީ އަޅާތަނާއި ދިމާލުން ހަސަންބެ އެބަ އާދޭ، ދެން މާއީލް ބޭބެ އަހައިފި ކޮބާހޭ މާއީލް ބުނީމަ ހަސަންބެ ބުނެފި 'އެބައޮތޭ ގޭގައި'. އޭރު ވަގުތުން ފައިބައިގެން ދަނިކޮށް މާއީލް ބޭބެއަށް ފެނުނީ ގޮނޑުދޮށުގައި ހުރި އަށިގަނޑެއްގެ މަތީގައި އޭނަގެ ފައިވާނާއި އޭނަގެ ދަބަސް،" މާއީލްގެ ބައްޕަ ބުންޏެވެ.
މާއީލްގެ ބައްޕަ، އާރިފް ތުހުމަތުތައް ކުރަނީ ހަސަންބެގެ މައްޗަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އާދަޔާ ހިލާފު ކަންތައްތަކެއް އޭނާގެ ފަރާތުން ފެނުނުއިރު ބަޔަކަށް އެކަން ނޭނގުމުންނެވެ. ދަބަހެއް ހިފައިގެން ގޮނޑުދޮށާ ހަމައަށް ފުރަން ދިޔަ ކަމަށް ބުނި އިރު، ކުއްލިއަކަށް ގެއްލުމުން އޭނާ ހޯދަން ނޫޅުމުންނެވެ.
މާއިލްގެ ބައްޕަ ބުނީ ދަރިފުޅުވީ ތަނެއް، ވީ ގޮތެއް ހަސަންބެއަށް އެނގެންޖެހޭނެ ކަމަށެވެ. އެ ތުހުމަތު ހަމަ އެ ގޮތަަށް މާއިލުގެ ދައްތައެއް ކަމަށްވާ ހައްވާ ޒާހިރާ ވެސް ހަސަންބެގެ މައްޗަށް ކުރެ އެވެ. އެކަމަކު އެ ރަށަށް ދިޔަ މާއިލްގެ ބޭބެ އަށް ވެސް މާއިލް އަތިރިއަށް ފައިބާފައި ހުރި ފިޔަވަޅުތައް ފެނުނެވެ. ހަސަންބެ އާއި އޭނާގެ އާއިލާ ފަރާތުން ވެސް އެނގުނުގޮތުގައި މާއީލް އަކީ ވަރަށް މަޑުމައިތިރި ކުއްޖެކެވެ.
އޭނާގެ ފަރާތުން އާދަޔާ ހިލާފު އެއްވެސް ކަމެއް ނުފެންނަ ކަމަށާއި އޭނާއަކީ ނަފްސާނީ ކަމެއް އަދި ބޮޑު މައްސަލައެއްގެ ތެރޭގައި ކަމެއް ގޯސްވެގެން އުޅޭ ކުއްޖެ ނޫނެވެ. އާއިލާ އާއި ރައްޓެހިންގެ ވާހަކަތަކުން ލޯބިވެރިއެއްގެ މައްސަލައެއް ފަދަ ކަމެއްވެސް މާއީލްގެ ފަރާތުން ފާހަގައެއް ނުވެ އެވެ. އާއިލާ އިން ބުނާ ގޮތުން ފަހަކަށް އައިސް އޭނާ ލޯބީގެ ގުޅުމެއް ހިންގާހެނެއް ވެސް ހިއެއްނުވެ އެވެ.
"ވަރަށް ހިނި އައިސް ހުރެގެން އެ ރަށަށް ދިޔަ ކަމަށް ވެސް ވަނީ، ޑިންގީގައި އެ ރަށަށް ދެވެންދެން ވެސް ވަރަށް ރީއްޗަށް ވާހަކަ ދައްކައި ވަރަށް މަޖާކޮށްނޭ ބުނީ އުޅުނީ. އެއްވެސް ކަހަލަ ބަލިކަމެއް، ތިމަންނައަކަށް އިހުސާސް ނުކުރެވޭ،" މާއީލްގެ ދައްތަ ޒާހިރާ ބުންޏެވެ.
ބައްޕަ އާރިފް ބުނީ "ހުވާކޮށްފައި ބުނަން އޭނަ މަސްތުވާއެއްޗެއް ބޭނުމެއް ނުކުރާނެ، އޭނަ ސިނގިރޭޓު ބޯނީ ވެސް ވަރަށް މަދުން، އޭނާ އަކީ ބަލި ކުއްޖެއް ވެސް ނޫން،. ޖިންނީންގެ ކަމެއް ވެސް ދިމައެއް ނުވޭ،" ކަމަށެވެ.
ކޮންމެއަކަސް މާއީލް ގެއްލުނުތާ މިއަދަށް މިވަނީ ފަސް ދުވަހެވެ. އޭނާގެ ހަބަރެއް ނެތެވެ. އާއިލާއިން ހަސަންބެއަށް ތުހުމަތުތައް ކުރާއިރު ހަސަންބެ ބުނަނީ މާއީލްގެ ފަރާތުން އާދަޔާއި ހިލާފް ކަންތައްތަކެއް ފެނުނު ކަމަށެވެ. އެއަށް ފަހު ދެން މި ފެންނަނީ މާއީލްގެ މިސްރާބު މޫދާއި ދިމާލަށް ހުރި ފިޔަވަޅުތަކެކެވެ. އެއަށް ފަހު ހިލަމެއް ނެތެވެ. އެއްބަޔަކު ހަސަންބެ އަށް އިނގިލި ދިއްކުރާ އިރު އަނެއް ބަޔަކު ގަބޫލު ކުރަނީ މާއީލަށް "ޖިންނީންގެ ކަމެއް" ދިމާވީ ކަމަށެވެ.
ޅައިމަގު މީހުން ބުނާ ގޮތުގައި މިދިޔަ ހަފްތާއަކީ އެ ސަރަހައްދަށް ވަރަށް މޫސުން ގޯސް އޮއިވަރު ބާރު ދުވަސްވަރެކެވެ. ހާއްސަކޮށް މާއީލް ގެއްލުނު ދުވަހަކީ ވަރަށް އޮއިވަރު ބާރު ދުވަހެއް ކަމަށް އެ ރަށު މީހުން ބުންޏެވެ. މާއިލް ގެއްލުނު މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މާއީލް ހޯދުމަށް ކަނޑުގެ ސަރަހައްދު ބަލަން ވެސް ވަނީ ފަށާފަ އެވެ. އަދި ހިލަމެއްނެތެވެ. ފުލުހުން ބުނަނީ އެ މައްސަލާގައި އަދި މީހަކު ހައްޔަރުވެސް ނުކުރާ ކަމަށެވެ.