01 Feb 2015, 09:40
ގާހިރާ (ފެބްރުއަރީ1) : ޓެރަރިޒަމާ ދެކޮޅަށް މިސްރުންކުރާ ހަނގުރާމައަކީ ދަތި އަދި އުނދަގޫ ހަނގުރާމައެއް ކަމަށް އެގައުމުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ސިފަކުރައްވައިފި އެވެ.
މިސްރުގެ ހަތިޔާރުއެޅި ލަޝްކަރުތަކާ ބެހޭ އެންމެމަތީ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ފަހު ދެއްވި ޚިތާބެއްގައި ސީސީ ވިދާޅުވީ ދުނިޔެ ދުށް އެންމެ ނުރައްކާތެރި ސިއްރު ޖަމާއަތާ ހަނގުރާމަ ކުރަމުން ގެންދަނީ މިސްރުން ކަމުގަ އެވެ. މިޚިތާބުގައި ސީސީ ވަނީ ޓެރަރިޒަމާ ކުރިމަތިލުމުގެ ޒިންމާ ނެގުމަށް މިސްރުގެ ރައްޔިތުންނަށާއި ސިފައިންގެ ލަޝްކަރުތަކަށް ގޮވާލައްވާފަ އެވެ.
ސީސީ ވިދާޅުވީ ޓެރަރިސްޓުންނަށް މިސްރުގެ ސީނާ ނުދޭނެ ކަމަށާއި ސީނާގެ ދިފާޢުގައި މަރުވުމަށް މިސްރުގެ ރައްޔިތުންނާއި ސިފައިން އަޒުމް ކަނޑައަޅާފައިވާ ކަމުގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސީނާގެ އަލްއަރީޝްގައިވާ މިސްރު ސިފައިންނާއި ފުލުހުންގެ ތަންތަނަށް ދިން ޙަމަލާތަކުގައި 30 މީހުން މަރުވެ 70 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު މިކަމުގެ މަސްއޫލިއްޔަތު އުފުލާފައި ވަނީ "ވިލާޔަތު ސީނާ"ގެ ނަމުން ނަންދީފައިވާ ހަރުކަށި ޖަމާއަތަކުންނެވެ.
ސީނާގެ އަލްއަރީޝްގައިވާ މިސްރު ސިފައިންނާއި ފުލުހުންގެ ތަންތަނަށް ޙަމަލާތައް ދިން އިރު ސީސީ ހުންނެވީ އެފްރިކާގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އެޑިސްއަބަބާގަ އެވެ. މިޙަމަލާތަކަށް ފަހު ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ސީސީ ވަނީ އެނބުރި ގައުމަށް ވަޑައިގެންފަ އެވެ. (ރޮއިޓާސް)