01 Feb 2015, 09:36
ޓޯކިޔޯ (ފެބްރުއަރީ1): އައިއެސް ޖަމާއަތުން ރަހީނުކޮށްފައިވާ ޖަޕާނުގެ ރައްޔިތެއްކަމަށްވާ ކިންޖީ ގޮތޫ ކަތިލާލައިގެން މަރާލި ކަމަށް ބުނާ ވީޑިޔޯއެއް ޢާންމު ކުރުމުން އެކަން ކުށްވެރި ކުރާކަމަށާއި ނަމަވެސް އެކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރާކަން ޖަޕާނުން ހާމަކޮށްފި އެވެ.
ޖަޕާނުގެ ސަރުކާރާ ޙަވާލާދީ އެގައުމުގެ ޓީވީ އާއި ރޭޑިއޯއާ ބެހޭ ކޯޕަރޭޝަނުން ބުނީ ގޮތޫ ކަތިލާލައިގެން މަރާލި ކަމަށް ބުނެ އައިއެސްއިން ނެރެފައިވާ ވީޑިޔޯގެ ސައްޙަކަން ކަށަވަރު ކުރުމަށް ޖަޕާން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމުގަ އެވެ. ނަމަވެސް އައިއެސް އިން މިޖަރީމާ ހިންގައިފާނެ ކަމަށް ބެލެވޭ ކަމަށާއި ޖަޕާން ސަރުކާރުން މިކަން ކުށްވެރިކުރާ ކަމަށް އެކޯޕަރޭޝަނުން ބުނެފައިވެ އެވެ.
އައިއެސް އިން އިއްޔެ ނެރުނު ވީޑީޔޯއެއްގައި ޖަޕާނުގެ ކިންޖީ ގޮތޫގެ ފަހަތުގައި މީހަކު ހުރެގެން އޭނާގެ ކަނދުރާގައި ވަޅިޖައްސާ މަންޒަރު ދައްކާފައިވެ އެވެ. ނަމަވެސް ގޮތޫގެ ކަރުބުރިކޮށްލާ މަންޒަރުގެ ވީޑިއޯ ދައްކާފައެއްނުވެ އެވެ. އޭގެބަދަލުގައި ދައްކާފައި ވަނީ ކަރުބުރުކޮށްލާފައިވާ މީހެއްގެ ބޯ ނެތް ހަށިގަނޑެވެ. އައިއެސްގެ ވީޑިއޯ އިން ފެނިފައި ވަނީ ކުރިން އެޖަމާއަތުން ކަތިލާލި ޖަޕާނުގެ ރަހީނުގެ ގާތިލްކަމަށް އެވީޑިޔޯ ތަޙްލީލުކުރި ޖަޕާނުގެ ޓީމުން ހާމަކޮށްފައިވެ އެވެ.
އައިއެސް އިން ވަނީ ކިންޖީ ގޮތޫ މިނިވަންކުރުން ޝަރުތުކޮށް އުރުދުންގެ ޖަލުގައިވާ ސާޖިދާ އައްރީޝާވީ މިނިވަން ކޮށްދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ހައެއްޖެހުމާ ހަމައަށް އުރުދުންއަށް މުހުލަތެއް ދީފަ އެވެ. ނަމަވެސް އައިއެސް އިން އަސީރު ކޮށްފައިވާ އުރުދުންގެ ޕައިލެޓް މުޢާޒު އަލްކަބާބިސާ ދުނިޔޭގައި ހުރިކަން ކަށަވަރުވުމުން ނޫނީ ސާޖިދާ މިނިވަން ނުކުރާނެ ކަމަށް ބުނެ އުރުދުން އިން އައިއެސްގެ ސުންގަޑިއަށް އިޙްތިރާމްކޮށްފައެއް ނުވެ އެވެ. (ރޮއިޓާސް)