ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާތަކުގައި އަދާލަތު ޕާޓީން ބައިވެރިވާން ނުފެންނަ ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ނިންމައިފި އެވެ.

އަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޖޭޕީ އާއި އެމްޑީޕީ ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާތަކުގައި އެ ޕާޓީން މިވަގުތު ބައިވެރި ނުވާން ނިންމި ކަމުގައި ވީ ނަމަވެސް، ގައުމާއި ރައްޔިތުންގެ މަސްލަހަތު ހުރި ކަންކަމުގައި މަޝްވަރާ ކުރާން ޖެހިއްޖެ ހާލަތެއްގައި ހުރިހާ ފަރާތްތަކާއެކު ވެސް މަޝްވަރާކުރާނެ ކަމަށެވެ.

"...މިއާއެކު ގައުމުގައި ހިނގަމުންދާ ކަންކަން ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި، ގައުމާއި ރައްޔިތުންގެ މަސްލަހަތު ކުރި ކަންކަމުގައި މަޝްވަރާ ކުރާން ޖެހިއްޖެ ހާލަތެއްގައި ސަރުކާރާއި އަދި ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރުމުގެ ރިވެތި އުސޫލު އަދާލަތު ޕާޓީން ދަމަހައްޓާނެ ކަމަށް ވަނީ ނިންމާފައެވެ،" އަދާލަތުން ނެރުނު ބަޔާނުގައި ވެއެވެ.

އެމްޑީޕީން މީގެ ކުރިން ބުނެފައި ވަނީ ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ޕާޓީތަކުން "އެއް މޭޒެއްގައި" މަޝްވަރާކުރަން ނިންމައިފަވާ ކަމަށާއި އެގޮތުން އަދާލަތު ޕާޓީން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

ޖޭޕީ އާއި އެމްޑީޕީން މަޝްވަރާތަކެއް މިހާރު ފަށާފައިވާއިރު، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ގާނޫނުއަސާސީ ހިމާޔަތް ކުރަން ވާންޖެހުނު ކޮންމެ ގުރުބާނީ އަދާލަތު ޕާޓީން ވާނެކަމަށެވެ.

އަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާން ނިންމާލަމުން ބުނެފައި ވަނީ، އިސްލާމްދީނަށާއި، ގާނޫނު އަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.