01 Feb 2015, 00:25
ލަފާޖް މޯލްޑިވްސް ސިމެންތި ކުންފުނިން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހާއްސަކޮށްގެން "ރައިނޯ"ގެ ނަމުގައި ސިމެންތިއެއް ތައާރަފު ކޮށްފި އެވެ.
އުތުރުގެ އަތޮޅުތަކަށް ހާއްސަކޮށްގެން ލަފާޖުން ނެރުނު އާ ސިމެންތި ދައްކާލާފައިވަނީ މިރޭ ނޯތު ހާބަރުގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ހަފްލާއެއްގައެވެ.
ރައިނޯ ސިމެންތިއަކީ ދިގު މުއްދަތައް ދެމިހުންނަ ގޮތަށް ރަބަރާއި ކަރުދާހުގައި އިތުރު ފަށަލަތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކޮތަޅެއްގައި ބަންދުކޮށްފައިވާ ސިމެންތިއެކެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ލަފާޖް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަމްދޫހު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ސިމެންތި ބޭނުން ކުރާ ގޮތް ތަފާތު ކަމަށެވެ. އެގޮތުން ލަފާޖުގެ އާ "ޕްރޮޑަކްޓް" ތައާރަފް ކުރީ، އެތަައް ދުވަހެއް ވަންދެން އުތުރުގައި ދިމާވެފައިވާ ސިމެންތީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ރައިނޯ ލޯންޗް ކުރަން ނިންމި ސަބަބަކީ ވޭތުވެދިޔަ އަހަރުތަކުގައި ފާހަގަ ކުރެވުނު، އުތުރުގެ ރަށްރަށުގައި ސިމެންތީގެ ވަރަށް ބޮޑެތި ޝަކުވާތަކެއް ލިބޭތީ. އަސްލު އުތުރުގެ އަތޮޅުތަކާއި ދެކުނުގެ އަތޮޅުތަކުގައި ސިމެންތި ބޭނުން ކުރާ ގޮތާއި ސިމެންތި ޑިސްޓްރިބިއުޓް ކުރާގޮތް ވަރަށް ތަފާތު. އެހެންވެ އަޅުގަނޑުމެން ވިސްނީ އުތުރުގެ ރަށްތަކަށް ދިމާވާ މައްސަލައަށް ހައްލެއް ގެނައުމަށް،" އޭނާ ވިދާޅުވި އެވެ.
މަމްދޫހު ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް ހާއްސަކޮށް ތައްޔާރުކުރި އެ ސިމެންތި ރާއްޖޭގެ އެހެނިހެން ހިސާބުގައި ވެސް އުނދަގުލަކާ ނުލައި ބޭނުން ކުރެވޭނެ ކަމަށެވެ.
އެސްޓީއޯއިން ދޫކުރާ އެ ސިމެންތި މާދަމާއިން ފެށިގެން ބާޒަރަށް ނެރޭއިރު ކުރިއަށް އޮތް ދެދުވަހު ރައިނޯ ސިމެންތި ގަންނައިރު ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށް ލަފާޖުން ބުންޏެވެ.
އެ ސިމެންތި އަކީ ރައްކާކުރުމަށް ފަސޭހަ ވެފައި ބޭނުން ކުރުމުގައިވެސް ތަފާތު ފަސޭހަތަކެއް ހުންނާނެ ސިމެންތިއެއް ކަމަށް ލަފާޖުން ބުންޏެވެ.
މިރޭގެ ހަފްލާގެ ހާޒިރުންގެ މެދުގައި ލަފާޖުން ވަނީ ހާއްސަ ގުރުއަތުލުމެއް ބާއްވާފައެވެ. މެލޭޝިއާގެ ލަންކާވީގައި ދެމީހަކަށް ތިން ދުވަސް ހޭދަކޮށްލުމަށް ފުރުސަތު ލިބޭ ދެކޮޅު ޓިކެޓުގެ ނަސީބުވެރި ފަރާތަކަށް ހޮވުނީ ރަމްޒީ އެވެ.