މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާ ބަލާ އިރު، އެސްޓީއޯގެ ފައިދާ ފަހު ކްއާޓަރު 27 މިލިއަން ރުފިޔާ އިތުރުވެ، ފައިދާ 25 ޕަސެންޓް އިތުރުވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން ބުރާސްފަތި ދުވަހު އާންމު ކުރި ތަފާސްހިސާބު ދައްކާ ގޮތުން 2014 ވަނަ އަހަރުގެ ފަހު ކްއާޓަރުގައި ފައިދާގެ ގޮތުގައި 136.52 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ކްއާޓަރުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 108.46 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު އެސްޓީއޯ އަށް އެންމެ ބޮޑު ފައިދާއެއް ވެފައި ވަނީ އަހަރުގެ ދެ ވަނަ ކްއާޓަރުގަ އެވެ. އެ ކްއާޓަރުގައި އެ ކުންފުނީގެ ފައިދާ ވަނީ 140 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

އަހަރުގެ ފަހު ކްއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަނީ 2.3 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި އެއީ މުޅި އަހަރުގެ ތެރޭގައި ދެ ވަނަ އަށް އެންމެ ގިނައިން އާމްދަނީ ލިބުނު ކްއާޓަރު ވެސްމެ އެވެ. ދެހާސް ސާދަ ވަނަ އަހަރު އެެ ކުންފުންޏަށް އެންމެ ގިނަ އަދަދަކަށް އާމްދަނީ ލިބިފައި ވަނީ އަހަރުގެ ތިން ވަނަ ކްއާޓަރުގަ އެވެ. އެ ކްއާޓަރުގައި 2.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.

އެސްޓީއޯގެ ތަފާސްހިސާބު ދައްކާ ގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި ފަހު ކްއާޓާގައި 199 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް އަށް ކެނޑުމުގެ ކުރިން ފައިދާއަކީ 158.7 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 121.15 ރުފިޔާ ޖެހެ އެވެ.