މުއާސަލާތީ ކުންފުނި، ދިރާގަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 184 މިލިއަން ރުފިޔާ ލިބި ހިއްސާއަކަށް 2.43 ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.

ތިން ވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި ލިބިފައި ވަނީ 174 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އެ ކުންފުނީގެ ހިއްސާއަކަށް 2.43 ރުފިޔާ ޖެހިފައިވެ އެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ހިއްސާއަކަށް ލިބިފައިވަނީ 2.29 ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 552 މިލިއަން ރުފިޔާ ލިބި، ޓެކްސް އަށް ކެނޑުމުގެ ކުރިން ފައިދާ އަށް 215 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ސާފު ފައިދާ އަކީ 184 މިލިއަން ރުފިޔާ އެވެ. ހިންގުމުގެ ހަރަދަކީ 234 މިލިއަން ރުފިޔާ އެވެ.

ދިރާގަކީ ބަހުރެއިންގެ ކުންފުންޏެއްކަމަށްވާ ބަޓެލްކޯ އާއި ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.