ތޫނު ހަތިޔާރުން ބިރުދައްކައިގެން ފޯނެއް ފޭރިގަތް ކަމަށް ތުހުމަތުކުރެވޭ މީހަކު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓާއެކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައި ވަނީ ތޫނު ހަތިޔާރުން ބިރުދެއްކުމަށް ފަހު ފޯނެއް ފޭރިގެންފައިވާކަމުގެ މައުލުމާތު މިރޭ 8:55 ހާއިރު ފުލުހުންނަށް ލިބުމާއެކު ގަލޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން، ކުށުގެ ވެށްޓަށް ގޮސް ކުރި މަސައްކަތުން ކަމަށެވެ.

އެމީހާ އަބަދަށްފެހި މަގުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، ތޫނު ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗަކާއި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓްތަކަކާއި ފޭރިގަތް ކަމަށް ބެލެވޭ ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާއަކީ، 53 ފަހަރު ހުއްޓުވައި ސުވާލުކޮށް 14 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ފަސް ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހާގެ މައްޗަށް ތުހުމަތު ކުރެވޭ ތިން މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާއިރު އޭނާގެ މައްޗަށް ކުށެއް ސާބިތުވެ ހުކުމް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ކުށެއް ކެމެއް ފުލުހުން ހާމައެއްނުކުރެއެވެ. އޭނާއަކީ ބަނގުރަލާއި މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ހަތިޔާރު ގެންގުޅުމާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.