10 Feb 2011, 15:51
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދެ މާއްދާ ގާނޫނު އަސާސީއާ ހިލާފްވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ޝެއިހު އިބްރާހިމް ފަރީދު އަހުމަދުގެ ފަރާތުން އެ މައްސަލަ ބުދަ ދުވަހު ހައި ކޯޓަށް ވައްދައިފި އެވެ.
ހައި ކޯޓަށް އެ މައްސަލަ ވެއްދިކަން ފަރީދުގެ ވަކީލު ޝަހީމް އަހުމަދު ވިދާޅުވީ، ހުއްދަ ނެތި ދީނީ ނަސޭހަތް ދިން ކަމަށް ބުނެ ފަރީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކުރާ މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
ފަރީދުގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ވެއްދުމުން ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފް ވަނީ ކަނޑައަޅުއްވައިފަ އެވެ.
ވަކީލު ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 29 ވަނަ މާއްދާގެ ދަށުން އިސްލާމް ދީނުގެ އަސްލަކާ ހިލާފް ނުވާނެ ގޮތަކަށް ހިޔާލު ފާޅުކުރުމާއި ފިކުރު ކުރުމާއި އުނގަންނައިދިނުމާއި ކިޔެވުމަކީ އަސާސީ ހައްގެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެކަމަކު ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ހ. އާއި ށ. ގެ ދަށުން ދީނުގެ ހުކުމްތައް ބަޔާންކޮށް ދީނީ ތަގުރީރު ދެވޭނީ ސަރުކާރުގެ ހުއްދައެއް ލިބިގެން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ވަކީލު ވިދާޅުވީ ގާނޫނު އަސާސީއާ ތައާރަޒްވާ ގާނޫނުތައް ބާތިލްވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވުމުގެ އިތުރުން ތައާރަޒްވާ ގާނޫނުތައް ހުރިތޯ ބަލައި ގާނޫނުތައް މުރާޖާއު ކުރުމަކީ ޕީޖީގެ ޒިންމާއެއް ކަމަށެވެ. އަދި ޕީޖީގެ ފަރާތުން އެ ޒިންމާ އަދާނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވީ އެ މައްސަލައަކީ މިއީ ކުރީގެ ގާނޫނު އަސާސީގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުރީގެ ގާނޫނު އަސާސީގެ 25 ވަނަ މާއްދާގައި، ގާނޫނަކުން މަނާ ނުކުރާހާ ހިނދަކު ދީނީ ތަގުރީރުކޮށް ހިޔާލުފާޅު ކުރުމަކީ ހުއްދަ ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ފަރީދު ކޮށްފައިވާ ކަމަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފަށް ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ތަގުރީރު ކުރުން ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ފަރީދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ ދީނީ ނަސޭހަތް ދިނުމާއި ވައުޒު ބުނެ އުޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލީހުން ދީފައިވާ ހުއްދަ މާޗް 25، 2003 ގައި ބާތިލްކޮށްފައިވާ ކަމަށެވެ. އެކަމަކު ސެޕްޓެމްބަރު 19، 2007 ފެށިގެން އެ މަހުގެ 30 ހަމައަށް ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ނާވައިދޫ އާއި ނެއްލައިދޫ އާއި ހަނިމާދޫ އަށް ގޮސް އެ ރަށްތަކުގެ ގިނަ ރައްޔިތުންތަކެއްގެ ކުރިމަތީގައި ދީނީ ތަގުރީރުތައްކޮށް އިސްލާމްދީނުގެ ހުކުމްތައް ބަޔާންކޮށްދީފައިވާ ކަމަށް އެ މައްސަލައިގައިވެ އެވެ.
އެހެންކަމުން ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ހ. އާއި ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ ހ. ގެ ދަށުން ފަރީދުގެ މައްޗަށް ހުއްދަ ނެތި ދީނީ ނަސޭހަތް ދިނުމުގެ ދައުވާ އުފުލީ ކަމަށް އެ މައްސަލައިގައި ބުނެ އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ރާއްޖޭގައި ދީނީ ނަސޭހަތް ދީ، އިސްލާމްދީނުގެ ހުކުމް ބަޔާން ކުރަންވާނީ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށެވެ. އެ ގާނޫނުގެ ހަ ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ މި ގާނޫނާ ހިލާފަށް އަމަލުކޮށްފި މީހެއް ނުވަތަ ކުރަން އުޅެފި މީހެއްގެ އަދަބަކީ އެ ކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން ކަމަށެވެ.