31 Jan 2015, 20:16
ހއ. ހޯރަފުއްޓާއި ހއ. އުލިގަމުގެ ކަނޑުގެ ސަރަހައްދުން ކިނބުލެއް ފެނިގެން ފުލުހުންނާއި ސިފައިން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
ކިނބޫ ފެނުނު ހޯރަފުށީ މީހަކު "ސަން" އަށް ބުނީ، ކިނބޫ ފެނިފައި ވަނީ މިއަދު ހަވީރު 4:00 ހާއިރު، ހއ. ރަށްފުށި ތިލަ ނަމަކަށް ކިޔާ ތިލަ އަކަށް އެން ހިފަން ގޮސްއުޅުނު ކަންނެލި ދޯންޏަކަށް ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓުގެ ކިނބުލެއް ކަމަށް އޭނާ ބުންޏެވެ.
"އޭތި ހިފަން އުޅުމުން ކަނޑު އަނޑިއަށް ގޮސް ގެއްލުނީ،" ކިނބޫ ހިފުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހާ ބުންޏެވެ.
ފުލުހުންނާއި އެމްއެންޑީއެފުން ވެސް ވަނީ އެސަރަހައްދުން ކިނބުލެއް ފެނިގެން ހަރަކާތްތެރިވާން ފަށާފައިވާ ކަން ސަން އަށް ކަށަވަރު ކޮށްދީފަ އެވެ. އަދި ކިނބޫ ހިފުމުގެ މަސައްކަތް މިއަދަށް މެދުކަނޑާލުމަށް ފަހު މާދަމާ ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެދެ މުއައްސަސާ އިން ވެސް ބުންޏެވެ.
ހޯރަފުށީ ކައުންސިލުގެ ނައިބް ރައީސް އަހުމަދު ޒަކީ ވިދާޅުވީ، ހޯރަފުށީ ކައިރީގައި 10 ވަރަކަށް ފޫޓުގެ ކިނބުލެއް އުޅޭ ކަމުގެ މައުލޫމާތެއް ލިބެމުންދާތީ ރަށު ރައްޔިތުން އެކަމަށް ސަމާލުވުމަށް އަންގައި ދިނުމަށް އެރަށުގައި ހުންނަ ޕޮލިސް ސްޓޭޝަނުން އަންގާފައިވާ ކަމަށެވެ.