31 Jan 2015, 18:52
ފައިނަލް މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖޭމްސް ޓްރޮއިސީ ޖަހައިދިން ލަނޑާއެކު 2-1 އިން ދެކުނު ކޮރެއާގެ މައްޗަށް ކުރިހޯދައި، އޮސްޓްރޭލިއާއިން ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް ކާމިޔާބުކޮށްފި އެވެ.
ސިޑްނީގައި އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލްމެޗުގެ ފުރަތަމަ ހާފު ނިމެން ކައިރި ވެފައި ވަނިކޮށް އޮސްޓްރޭލިއާއަށް މެޗުގެ ކުރި ހޯދައިދިނީ މަސިމޯ ލުއޮންގޯ އެވެ. އެހެން ނަމަވެސް، ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކޮރެއާގެ ކެޕްޓަން ކީ ސުން-ޔުއެން ތަނަވަސްކޮށްދިން ފުރުސަތަކުން ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ސޮން ހިއުން-މިން ވަނީ ކޮރެއާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ހިއުން-މިންގެ ލަނޑާއެކު އޮސްޓްރޭލިއާ ޓީމުގެ ގޯލް ފަހަތުގައި ތިބި ދެކުނު ކޮރެއާގެ ސަޕޯޓަރުންގެ އަޑުފައްގަނޑުން މުޅި ސްޓޭޑިއަމް ގުގުމައިގެން ދިޔައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގައި 1-0 ލަނޑުން އޮސްޓްރޭލިއާގެ މައްޗަށް ކުރި ހޯދި ކޮރެއާއިން ވަނީ ފައިނަލް މެޗުގެ ފުރަތަމަ 45 މިނިޓް ތެރޭގައި ވެސް މެޗު "ޑޮމިނޭޓް"ކޮށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އޮސްޓްރޭލިޔާގެ ކުޅުން ވަރުގަދަކަށް ފާހަގަވެން ދިޔައެވެ.
މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅުނު 15 މިނިޓްގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮސްޓްރޭލިޔާ ވަނީ ދެވަނަ ފަހަރަށް މެޗުގެ ކުރިހޯދައިފައެވެ. އަމިއްލަ ފަސްގަނޑުގައި ކުޅުނު އެ މުބާރާތުގެ ތަށި އޮސްޓްރޭލިއާއަށް ކަށަވަރު ވެގެން ދިޔަ ލަނޑު ޓްރޮއިސީ ކާމިޔާބުކުރީ، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓޮމީ ޖޫރިކްގެ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ވޭތުވެ ދިޔަ ތާނގައި ދެކުނު ކޮރެއާއިން ވޯލްޑް ކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި ނަމަވެސް 1960ގެ ފަހުން ތައްޓެއްގައި ބީހިލަން އެޓީމުން ކުރަމުން އައި މަސައްކަތް މިވަނީ އޮސްޓްރޭލިއާގެ އަތްދަށުވެ އަނެއްކާވެސް ދިގު އިންތިޒާރަކަށް ވެފައެވެ.