އަށާރަ އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 57 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ދ. ހުޅުދެއްޔަށް ނިސްބަތްވާ އެމީހާ ހައްޔަރު ކޮށްފައިވަނީ ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ފުލުހުންގެ ލޯންޗެއްގައި ކަންނެލި އޮޑި އޮތް ހިސާބަށް ގޮސް މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުދަ ދުވަހު ކޯޓަށް ގެންދިއުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް 12 ދުވަހުގެ މުއްދަތެއް އެއަތޮޅު ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހަމަޖައްސާފައެވެ.

މިދިޔަ ހޯމަ ދުވަހު އާންމުންގެ މީހަކު ކުޑަހުވަދޫގައި މަސައްކަތް ކުރާ ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން ފުލުހުންގެ ފެމިލީ އެންޑް ޗިލްޑްރެން ސާވިސްގެ ޓީމެއް ވަނީ ހުޅުދެއްޔަށް ގޮސްފައެވެ. އަދި އެމީހާ ހައްޔަރު ކުރުމުގެ ކުރިން މައުލޫމާތު ސާފު ކުރަން ޖެހޭ ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.