31 Jan 2015, 17:10
ކޮލެޖުގެ އެއްބަސްވުން އުވާލައި ކޮލެޖު ހިންގަމުން އައި އިމާރާތް ހުސްކުރަން އެންގުމަކީ ގާނޫނީ ހަމައެއްގެ މަތިން އެންގި އެންގުމެއް ނޫން ކަމަށް ބުނެ އެ އިމާރާތް ހުސްކުރަން މަންދު ކޮލެޖުން ދެކޮޅު ހަދައިފި އެވެ. ކުރީގެ އެމްއީއެސް އިމާރާތުގައި ހިންގަމުން އަންނަ މަންދު ކޮލެޖުގެ އެއްބަސްވުން ބާތިލްކޮށް 15 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެ ކޮލެޖަށް ނޯޓިސް ދީފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
މަންދު ކޮލެޖުގެ ދަރިވަރުންނާ އެކު އެ ކޮލެޖުގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވީ، މަންދު ކޮލެޖުގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންގެ ކޯހެއް ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި މަންދު ކޮލެޖް މިހާރު ހިންގަމުން އަންނަ އިމާރާތުން ނުކުންނަން ނުޖެހޭނެ ކަމަށާއި އެހެން ތަނެއް ހޯދަން ވެސް ނުވިސްނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...މަންދު ކޮލެޖު މިހާރު ހިންގަމުންދާ އިމާރާތުން ނުކުންނަން ޖެހޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް...މިތަނުން އަޅުނގަޑުމެން ނެރެވޭނެ އޮންނަނީ އެންމެ ގޮތެއް. އެގޮތަކީ ގާނޫނުތަކާއި ގަވާއިދުތަކާ އެގްރީމެންޓާ ހިލާފަށް ދައުލަތުގެ ބާރު ބޭނުންކުރައްވައިގެން މީހުން ބަނދެގެން ނެރުން. އެނޫން ގޮތެއް ނޯންނާނެ އަޅުނގަޑުމެން ނެރެވޭނެ،" މަންދު ކޮލެޖުގެ ޗެއާމަން އިބްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ކޮލެޖުގެ އެއްބަސްވުން އުވާލުމާ ގުޅިގެން އެތަނުގައި ކިޔަވަމުންދާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ހާސްކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. އަދި އެއީ އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާދާރު ކުޑަކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މަންދު ކޮލެޖު ހުންނާނެ، ހުރިހާ ދަރިވަރުންގެ ހުރިހާ ކޯހެއް ވެސް ކުރިއަށްދާނެ. މިތަން ނެތިއްޔާ އެހެން ތަނެއް ނެތިއްޔާ ރަށެއްގެ ގޮނޑުދޮށުގައި ހުންނަ ރުކެއްގެ ދަށުގައި ތިބެގެން ވެސް ރާއްޖޭގައި ތައުލީމު ފެތުރުމުގެ މަސައްކަތް މަންދު ކޮލެޖުން ހުއްޓައެއް ނުލާނެ،" އިބްރާ ވިދާޅުވި އެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި އިބްރާ ވަނީ އެކޮލެޖުގެ އެއްބަސްވުން އުވާލައި އެޑިއުކޭޝަން މިނިސްޓްރީ އިން ފޮނުވި ސިޓީއަށް ވެސް ރައްދުދީފަ އެވެ. އެގޮތުން، އެޑިއުކޭޝަން މިނިސްޓްރީ އިން އެތަނުގެ އެގްރީމަންޓް ބާތިލް ކުރަން އެންގީ 2008 ވަނަ އަހަރުން ފެށިގެން އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިނުވާތީ ކަމަށް ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި "އެމްއީއެސް އިންޓަނޭޝަނަލް ސްކޫލް"ގެ ނަމުގައި 2009 ވަނަ އަހަރު ސްކޫލެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ، އެމްއީއެސް ގެ މަސްއޫލުވެރިންނާއި މަންދު ލާނިން ސެންޓަރާ ދެމެދު އުފެދުނު ހިލާފުތަކެއް ސަބަބުން އެމްއީއެސްގެ މަސްލުވެރިންނާ އެކު މިނިސްޓްރީން ވެފައިވާ އެއްބަސްވުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރި ކަމަށެވެ.
އޭގެ ފަހުން ސްކޫލް ހިންގަން ފެށުމުގެ ކުރިން އަރަބިއްޔާ ސްކޫލު ހިންގަމުންދިޔަ އިމާރާތް ބާވެ ބޮލަށް ވެއްޓުމާ ގުޅިގެން އެޑިއުކޭޝަން މިނިސްްޓްރީގެ އެދިވަޑައިގަތުމުގެ މަތިން 2010 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ އަރަބިއްޔާ ސްކޫލް ހިންގުމަށް މަންދު ކޮލެޖުގެ އިމާރާތް ދޫކުރި ކަމަށް އިބްރާ ވިދާޅުވި އެވެ.
ނަމަވެސް، އޭގެ ފަހުން ސްކޫލް ހިންގުމަށް ކުރި މަސައްކަތަށް އަދާ ހަމައަށް ވެސް އެޑިއުކޭޝަން މިނިސްޓްރީ އިން ޖަވާބެއް ދީފައިނުވާތީ ސްކޫލުގެ ކިޔެވުން 2014 އަދި މިއަހަރު ވެސް ފެށިފައިނުވާ ކަމަށް އިބްރާ ވިދާޅުވި އެވެ.
"މަންދު ކޮލެޖުގައި ސްކޫލެއް ހިންގުމަށް ވާންޖެހޭ ތައްޔާރީތައް އެގްރިމެންޓުން ލާޒިމްކުރާ ހުރިހާ ކަމެއް ހުރީ 2013 ވަނަ އަހަރުން ފެށިގެން. އެޑިއުކޭޝަން މިނިސްޓްރީން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާނުކުރުމުގެ ސަބަބުން މިކަން ހުއްޓިފައި މިއޮތީ. އަޅުނގަޑުމެން ނުދެކެން އެއީ އަޅުނގަޑުމެން ޒިންމާވާން ޖެހޭ ކަމަކަށެއް،" އިބްރާ ވިދާޅުވި އެވެ.
މަންދު ކޮލެޖުގައި މިހާރު ވެސް 130 ރަށުގައި ދަރިވަރުން ކިޔަވަމުންދާއިރު، މިހާރު ކޮލެޖުގައި އެންރޯލްވެގެން ކިޔަވާ 1372 ދަރިވަރުން އެބަ ތިއްބެވެ. އަދި ފަށާ ސެމިސްޓާއަށް 400 ދަރިވަރުން ވަންނަން އެބަ ތިބި ކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ.