ޓީޗަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އެކުލަވާލި ޓީޗަރުންގެ އާ އޮނިގަނޑުގެ ދަށުން ޓީޗަރުންގެ މުސާރަ ބޮޑު ވެފައިވާ ކަމަށް ޓީޗަރުން ބުނެފި އެވެ.

މި މަހުގެ ކުރީކޮޅު އާއްމުކުރި ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ޓީޗަރުންނަށް ފުރަތަމަ މަހުގެ މުސާރަ މިހާރު ލިބިފައިވާ އިރު، 'ސަން' އާ ވާހަކަ ދެއްކި މާލެ އަދި އަތޮޅު ތެރޭގެ ބައެއް ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ޓީޗަރުން ބުނި ގޮތުން އެ ސްކޫލްތަކުގެ ޓީޗަރުންގެ މުސާރަ ވަނީ ބޮޑުވެފަ އެވެ. އަދި ބައެއް ޓީޗަރުންނަށް މިމަހު ލިބުނު މުސާރައިގެ ސްލިޕް ވެސް ސަން އަށް ވަނީ ފެނިފަ އެވެ.

މުސާރައިގެ އޮނިގަނޑުގެ ދަށުން ޑިޕްލޮމާ ފެންވަރުން މަތީގެ ހުރިހާ ފެންވަރެއް ޓީޗަރުންގެ މުސާރައަށް ވެސް 30 ޕަސެންޓަށް ވުރެ ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. އަދި އެ ފެންވަރުގެ 3800 އަށް ވުރެ ގިނަ ޓީޗަރުން ރާއްޖޭގައި ކިޔަވައިދެމުންދެ އެވެ.

ނަމަވެސް މުސާރައިގެ މައްސަލަތަކެއް ފާހަގަކުރެވޭ ނަމަ އެކަން އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކުރުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ. އެޑިއުކޭޝަން މިިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުﷲ މުހުސިން ވިދާޅުވީ، މުސާރައިގެ މައްސަލާގައި ބައެއް މައްސަލަ މިނިސްޓްރީ އަށް ހުށަހެޅިފައިވާ ކަމަށާއި އެކަންކަން ރަނގަޅު ކުރެވިފައިވާނެ ކަމަށެވެ.

"މުސާރަ ލިބިފައިވާ ގޮތާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތް ފަރާތްތަކުން އެކަން ހުށަހެޅުމުން ބަލައިދެވޭނެ. އަދި އެޖަސްޓް ކޮށްދޭން ޖެހޭ ހާލަތުގައި އެ ފައިސާ ދެވޭނެ،" ޕާމަަނަންޓް ސެކްރެޓަރީ މުހުސިން ވިދާޅުވި އެވެ.